02 Dec 2014, 22:47
އެމްބީބީއެސް (މެޑިސިން ބެޗްލާސް ބެޗްލާސް ސާޖަރީ) ހެދި 15 ޑޮކްޓަރަކު ބަނގުލާދޭޝްގައި އިންޓާޝިޕް ހެދުމުގެ ހަރަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމު ހަމަޖައްސައިދެއްވައިފި އެވެ.
ގއ. ދެއްވަދޫ އާއި ބ. ކެންދޫ އާއި ހއ. ތުރާކުނު ހެލްތު ސެންޓަރު މަރާމާތު ކުރުމަށް ބަޔަކާ ހަވާލު ކުރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނަ ޑޮކްޓަރުން އެމްބީބީއެސް ހެދުމަށް ފަހު އިންޓާޝިޕް ނެހެދި ތިއްބެވި ކަމަށެވެ. އަދި އެ ޑޮކްޓަރުންނަށް އިންޓާޝިޕްގެ ފުރުސަތު ހޯދައި ދިނުމަށް ސަރުކާރުން ކުރި މަސައްކަތުގެ ދަށުން މިހާރު ވަނީ ބަންގުލަދޭޝްގެ ޔުނިވަސިޓީއަކާ ގުޅިގެން އެ ފުރުސަތު ހޯދާފައި ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ރާއްޖެ އަށް 15 ފުރުސަތެއް ލިބިފައިވާ އިރު، އިއްޔެ 14 މީހަކާ ބައްދަލުކޮށް އެކަން އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިންޓާޝިޕަށް ދާ 15 ޑޮކްޓަރުންނަށް އެކަން މާދަމާ މިނިސްޓްރީގެ ފަރާތުން އަންގާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މެދާ ހަމައަށް ދާއިރު ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއްގެ ވެސް އާބާތުރަ ފިލުވިގެން ދިއުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އަންނަ އަހަރު މެދާ ހަމައަށް ދާއިރުގައި އަޅުގަނޑުމެންނަށް ރާއްޖޭގެ ހުރިހާ ހެލްތު ސެންޓަރުތަކެއްގެ އަދި ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއްގެ ވެސް އާބާތުރަ ފިލުވިގެން ދިއުން،" ނާޒިމް ވިދާޅުވި އެވެ.