ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ އަރިހަށް، އެމެރިކާ ‏‏ސަރުކާރުން ރާއްޖެ އަށް ‏‏ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ ސިސޯން ވަދާޢީ ޒިޔާރަތް ކުރައްވައިފި އެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ‏‎ ‎‏އޮފީހުގައި މިއަދު ހެނދުނު އޮތް ‏‏‏މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާ އިން ރާއްޖެއަށް ‏‏ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެ އަށް ‏‏އެކި‏‎‎‏ގޮތްގޮތުން ދެއްވި ‏‏އެއްބާރުލެއްވުމާއި ބެހެއްޓެވި ގާތްކަމަށް ޓަކައި އެކަމަނާއަށް ޝުކުރު ‏‏‏އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދިވެހިރާއްޖެ އާއި އެމެރިކާއާ ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށާއި މިގުޅުން ‏‏އިތުރު ދާއިރާތަކުގައި ފުޅާކުރެއްވުމާ ބެހޭ ގޮތުން ވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ‏‏ކުރެއްވި އެވެ. ވަކިން ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއާއި މީހުން ބިނާކުރުމުގެ ދާއިރާގެ އިތުރުން، ‏‏ބައިނަލްއަގްވާމީ މަޝްރަހުގައި ދެ ގައުމުގެ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރެއްވިދާނެ ގޮތްތަކާ ‏‏ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އަދި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ގުޅުންތައް ‏‏މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ބައްލަވައިލެއްވި އެވެ.‏
އެމެރިކާގެ ސަފީރުގެ ވާހަކަފުޅުގައި، ‏ އެމެރިކާ އިން ރާއްޖެއަށް ކަނޑައެޅުއްވި ‏‏ސަފީރުގެ މަގާމުގައި ހުންނަވައިގެން، ޚިދުމަތް ކުރެއްވުމަކީ، އެކަމަނާ އަށް ލިބިވަޑައިގެންނެވި ވަރަށް ‏‏ބޮޑު ޝަރަފަކާއި ފަޚުރެއްކަމުގައި ވިދާޅުވި އެވެ. އަދި މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ރާއްޖެ އާއި ‏‏އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމުގައިވެސް އެކަމަނާ ‏‏ފާހަގަކުރެއްވި އެވެ. މީގެ އިތުރަށް، މިސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހޯއްދަވާފައިވާ ބޮޑެތި ‏‏ކާމިޔާބީތައް ފާހަގަކުރައްވައި، އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އަށް ތަހުނިޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.