02 Dec 2014, 22:21
މިނިވަންކަމާ އެކު ދިރިއުޅުމާއި މަސައްކަތް ކުރުމުގެ ހައްގުން މަހުރޫމުކޮށް، އަޅުންގެ ގޮތުގައި ގެންގުޅޭ 21 މިލިޔަން މީހުން މިހާރު ވެސް ދުނިޔޭގައި އެބަތިބި ކަމަށް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ބުނެފި އެވެ.
މިއަދު (ޑިސެމްބަރު ދެވަނަ ދުވަހު) ފާހަގަކުރާ އަޅުވެތިކަން ނައްތައިލުމުގެ ދުވަހާއި ގުޅިގެން ނެރުނު ބަޔާނެއްގައި އައިއެލްއޯއިން ބުނެފައި ވަނީ 21 މިލިޔަން މީހުން ތިބީ މިނިވަންކަމާ އެކު ދިރިއުޅުމާއި މަސައްކަތްކުރުމާއި އަބުރުވެރިކަމާއި ހަމަހަމަކަމުން މަހުރޫމުވެފައިވާ ކަމަށެވެ.
އަޅުވެތިކަން ނައްތައިލުމުގެ ދުވަހާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވަނީ ހިތާބެއް އާއްމުކުރައްވާފަ އެވެ. އިންސާނުންގެ ވަގުވިޔަފާރިކުރުމާއި ޖިންސީގޮތުން ނާޖާއިޒު ފައިދާ ނެގުމާއި ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމާއި މަޖުބޫރުން ކުދިންގެ ކައިވެނި ކުރުވުން ފަދަ ދަށުދަރަޖައިގެ އަމަލުތައް ނައްތައިލުމަށް އެހިތާބުގައި ބާން ގޮވައިލައްވާފައިވެ އެވެ.
"...ކޮންމެ ދުވަހަކުވެސް އަންހެނުން ވަގަށް އެއްތަނުން އަނެއް ތަނަށް ގެންދެވި، ވިއްކައިލެވި، ނާސިގެތަކުގައި ބަންދުކުރެވޭ. ޅަ އަންހެން ކުދިން ލައްޗައި މަޖުބޫރުން ކައިވެނި ކުރެވޭ. އާއިލާތަކާއި ވަކިކުރެވިފައިވާ ފިރިހެނުން މިއަދުވެސް ސިއްރު ފެކްޓްރީތަކުގައި ވަނީ ބަންދުކުރެވިފައި. ސަލާމަތް ނުވެވޭ ގޮތަށް ކުޑަ އުޖޫރައެއްގައި މަސައްކަތް ކުރަން ޖެހިފައިވާ މީހުން އެބަތިބި. އެމީހުންގެ ދަރަނިން ސަލާމަތް ވުމުގެ ފުރުސަތު އޮތީ ވަރަށް ކުޑަކޮށް،" އަޅުވެތިކަން އޮތް މިންވަރާ ބެހޭ ގޮތުން ބާންގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
އަޅުވެތިކަން ނައްތަލުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ވަގަށް މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ނާޖާއިޒު ފައިދާ ނެގުމާއި ހަށިވިއްކުން ހުއްޓުވުމަށް 1949 ވަނަ އަހަރު ފާސްކޮށް އަމަލު ކުރަން ފެށި ދުވަސް ކަމަށްވާ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހެވެ.