02 Dec 2014, 22:02
ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކެއްގައި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲއާ މެމްބަރުންތަކެއް މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގު ހުއްޓާލައި، މައްސަލަ ފައިލްކޮށްފި އެވެ.
މަޖިލީހުގެ މެމްބަރުންތަކެއް އަބްދުއްރަހީމާ މާރާމާރީ ހިންގި ކަމަށް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއްގަ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ހުށަހެޅުމަކަށް ބޭއްވި އެ ޖަލްސާގައި އަބްދުއްރަހީމާ މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށްފައި ވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު "ސަން"އަށް މިރޭ ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވަނީ އެފަދަ މައްސަލަތަކުގެ ސީރިއަސް ކަމާއި ވަށައިގެންވާ ހެކިތަކަށް ރިޔާއަތް ކުރުމަށްފަހުގައި ކަމަށެވެ. އަދި މައްސަލާގައި ޝާމިލްވާ ދެ ފަރާތުން ކޯޓުން ބޭރުން "މަސަލަސްވެ" މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ނަމަ ޖިނާއީ ބައެއް މައްސަލަތަކުގެ ތަހުގީގު ހުއްޓާލާފައިވާނެ ކަމަށް ޝަތީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބްދުއްރަހީމާ މެމްބަރުންތަކެއް މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލަ އޭނާ އަނބުރާ ގެންދަވަން ބޭނުންފުޅުވާތީ، އެ މައްސަލައިގެ ބާވަތުން ތަހުގީގު ހުއްޓާލައި މައްސަލަ ފައިލް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަބްދުއްރަހީމް "ސަން"އަށް މިރޭ ވިދާޅުވީ އެނާ އެ މައްސަލަ އަނބުރާ ގެންދަވަން ބޭނުންފުޅުވީ ގައުމުގައި މަސްލަހަތު ދަމަހައްޓަން ބޭނުންފުޅުވެވަޑައިގަންނަވާތީ ކަމަށެވެ. އަދި އޭނާއާ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރާ އަލީ އާޒިމާއި ނާޒިމަކީ ވެސް އެކުވެރިން ކަމަށާއި އެބޭފުޅުންނަށް ދެރަ ގޮތެއްވާން ބޭނުންފުޅުވެވަޑައި ނުގަންނަވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ގައުމުގައި މަސްލަހަތު ދަމަހައްޓަން ކުރައްވާ މަސައްކަތަކަށް އެއްބާރުލުން ދެއްވުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.