02 Dec 2014, 20:56
ނ. ހޮޅުދޫން: އަހުމަދު ސާއިލު އަލީ
މި އަހަރުގެ ތެރޭގައި ރަށްރަށުގައި ނަރުދަމާގެ މަޝްރޫތައް ކުރިއަށް ގެންދިއުމަށް 763 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންވައިރޮމެންޓް މިނިސްޓްރީ އިން ބުނެފި އެވެ.
ނ. ހޮޅުދޫގެ ނަރުދަމާގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މިސަރުކާރުން އުމުރާނީ ތަރައްގީ އަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި އަހަރުގެ ތެރޭގައި 26 ރަށެއްގައި ނަރުދަމާގެ އެކިއެކި ޕްރޮޖެކްޓްތައް ހިންގާފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓުތަކުގެ ޖުމުލަ އަގު 763 މިލިއަން ރުފިޔާ އަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ ތާރީހުގައި ވެސް ނަރުދަމާގެ މަސައްކަތް ކުރެވުނު ވަރަށް ވުރެ ގިނަ މަސައްކަތް ކުރެވުނު އަހަރެއް،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ 64 ރަށަކަށް ވަރަށް ބޮޑަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ އިރު 116 ރަށަކަށް ރަށްގިރުމުގެ މައްސަލައާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. ރަށްގިރުމުގެ މައްސަލަތައް ހައްލުކުރުމަށް މި އަހަރުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހޮޅުދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި ތޯރިގު ވިދާޅުވީ މިރަށަކީ ވަރަށް ބޮޑަށް ތަރައްގީ ވަމުން އަންނަ ރަށެއް ކަމަށެވެ. މި އަހަރުގެ ތެރޭގައި ވެސް މިރަށުގެ ބަނދަރު ބޮޑުކުރެވުމުގެ މަސައްކަތާއި ރަށް ހިމާޔަތް ކުރުމަށް ބޮޑުހިލަ ޖެހުމުގެ މަސައްކަތުގެ އިތުރުން ނަރުދަމާގެ މަސައްކަތް ފެށިފައިވާ އިރު އެހުރިހާ ޕްރޮޖެކްޓަކަށް 135 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި އެއީ މިރަށުގެ ރައްޔިތެއްގެ ބޮލަކަށް 44000 ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ތެރޭގައި ވެސް ހޮޅުދޫގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށާއި އެގޮތުން ފެނުގެ ނިޒާމް ގާއިމްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އިރު މިރަށުގެ ކުނީގެ މައްސަލަ ހައްލުކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.