މާލޭ ސިޓީ ކައުންސިލުން ދެމުންދިޔަ ވިޔަފާރިއާ ގުޅޭ ޚިދުމަތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ނިންމައިފި އެވެ.

އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވިޔަފާރިޔާ ގުޅޭ ހުރިހާ ހިދުމަތެއް އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. މި އަހަރު މެއި މަހުގެ 13 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން، ވިޔަފާރިޔާ ގުޅޭ ހުރިހާ ހިދުމަތެއް އިކޮނަމިކް މިނިސްޓްރީން ދޭންފަށާނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ އާއި ސައިހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރެންޓް ހިންގުމުގެ ހުއްދަ އާއި ބާ ހިންގުމުގެ ހުއްދަ އާއި ވިޔަފާރި ނަން، ޓްރޭޑް މާކް އަދި ޝިޕިން މާކް ރަޖިސްޓްރީ ކުރުމާއި، ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާތަކެތީގެ ލައިސަންސް ދޫކުރުމާއި ރީއެކްސްޕޯޓް ލައިސަންސާއި ރީއެކްސްޕޯޓް އެގްރިމެންޓް ގެ އިތުރުން ކޮންސައިނީ ބަދަލުކުރުމުގެ ހިދުމަތް ދޭނީ އިކޮނަމިކް މިނިސްޓްރީންނެވެ.

އޭގެ އިތުރުން މީހުން ދިރިނޫޅޭ ރަށްރަށުގަ އާއި މާލޭގެ ރަށްވެހިންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުގައި އިމްޕޯޓްމުދާ ވިއްކުމުގެ ހުއްދަ ދޫކުރުމުގެ އިތުރުން އެފަދަ އުޅަނދުތަކުގައި ސައި ހޮޓާ، ކެންޓީން އަދި ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ ވެސް ދޫކުރާނީ ވެސް އިކޮނޮމިކް މިނިސްޓްރީނެވެ.

އެ ޚިދުމަތްތައް ފޯރުކޮށްދޭ، މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓްގެ އޮފީސް ހުންނާނީ ކޯސްޓްގާޑް އިމާރާތާއި ޖެހިގެން އިރަށްވާ ގޮތަށެވެ.