ރ. މަޑުއްވަރީ ގަބުރުސްތާނުގެ މަސައްކަތެއް ހަވާލުކުރުމުގައި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ބުނެ، އެ ރަށު ކުރީގެ ކުޑަ ކަތީބު އިސްމާއީލް ރަޝީދާ ދެކޮޅަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު ބުނީ ރަޝީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މަޑުއްވަރީ ގަބުރުސްތާނުގެ ވަށާ ފާރުގައި ސިމެންތި ޖެހުމާއި ކުލަލުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދީފައިވާ ކަން ސާބިތުވާ ވަރަށް ހެކި ލިބުމުން ކަމަށެވެ.

އޭސީސީން އޭނާގެ މައްޗަށް ކުރަން އެދިފައި ވަނީ ދެ ދައުވާއެކެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެފައިދާ ނުލިބޭ ގޮތަށް އަމަލުކޮށްފައިވާތީ ބަދަލު ހޯދުމުގެ ދައުވާއެވެ.

އޭސީސީން ބުނީ އެމަސައްކަތް ކުރާނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލު ކުރުމަށް ފަހު މަސައްކަތް ހަވާލުކޮށްފައި ވަނީ އެންމެ އަގުބޮޑުކޮށް ހުށަހެޅި ފަރާތާ ކަމަށެވެ.