މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިއަަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް 21،169 މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކޮށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ ސްޕޯކްސް ޕާސަން އަހުމަދު ޝިފާނު މިއަދު ވިދާޅުވީ ފާއިތުވި 365 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާ އަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ފުލުހުންގެ އިދާރާ އަށް ހުށަހެޅި، ތަހުގީގު ފުރިހަމަކޮށް ނުނިމި ހުރި 4168 މައްސަލަ އެއް ވެސް ހިމެނޭ ކަަމަށެވެ.

މައްސަލަތަކުގެ ތެެރެއިން 3256 މައްސަލައެއްގައި 3241 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 17913 މައްސަލައެއް ތަހުގީގު ނިންމައި ފައިލް ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާ އަށް ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ކޮން ކަހަލަ މައްސަލަތަކެއްތޯ ދެންނެވުމުން ޝިފާނު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި މަސްތުވާތަކެއްޗާއި ގުޅުން ހުރި އެކި އެކި މައްސަލަތައް ކަމަށެވެ. ނަމަވެސް އެ ކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"ފުލުހުންގެ އިދާރާ އަށް ހުށަހަޅާ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމަށްޓަކައި ޕީޖީ އޮފީހާއި ގުޅިގެން ހިންގޭ ތަފާތު މަސައްކަތުގެ ތެރެއިން 48 ގަޑިއިރުގެ ތެރޭގައި ތަހުގީގު ނިންމައި ޕްރޮސިކިއުޓް ކުރެވޭނެ އުސޫލުތަކެއް ގާއިމް ކުރެވި މަސައްކަތްތަކެއް ދަނީ ކުރެވެމުން، އަދި މާލެ ފިޔަވައި ހަތް ޑިވިޝަންގައި ފުލުހުންގެ ފޮރެންސިކް ފުލުހުން ގެންދަަނީ ހަރަކާތްތެރިވަމުން،" ޝިފާނު ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާ އިން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ޝިފާން ވިދާޅުވީ ފުލުހުންގެ އިދާރާގެ ހިންގުން ހަރުދަނާކޮށް، ފުލުހުންގެ މަސައްކަތް ކުރަމުން އަންނަ އުސޫލްތަކަށް ބަދަލު ގެނައުމަށް ގިނަ މަސައްކަތްތަކެއްް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މުޅި ރާއްޖެ އަށް ފުލުހުންގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން މިހާތަނަށް 77 ރަށެއްގައި ފުލުހުންގެ ސްޓޭޝަންތައް ވަނީ ގާއިމްކޮށްފަ އެވެ.

މައްސަލަތަކުގެ ހެކި ހޯދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން ފުލުހުންގެ އިދާރާ އިން ވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީގައި ސީސީޓީވީ ކެމެރާ ހަރުކޮށްފަ އެވެ. އަދި ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަސްކުރުމުގެ ގޮތުން ކޯޓުތަކާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ އެކު މައުލޫމާތު ބަދަލުކުރުމުގެ ވިއުގާއަކުން ގުޅާލެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ވަނީ މިދިޔަ ނޮވެމްބަރުން ފެށިގެން ފޮރެންސިސް ޑިޒިޓަލް އެނަލިސިސްތައް ފެށި އަދި ޕެތަލޮޖީ [މަރުވި ސަބަބުތައް ދެނެގަތުމަށްޓަކައި ބޭނުންވާ ތަހުލީލުތައް] ފެށުމަށް އެކަމަށް ހާއްސަ ދެ ޑޮކްޓަރުން ތަމްރީންކޮށްފަ އެވެ. އަދި އެ ދެ ރަށުގައި ފުލުހުން ވަނީ ކުޑަކަމުދާ ތަކެތި ތަހުލީލު ކުރާނެ ލެބޯޓްރީއެއް ގާއިމްކޮށްފަ އެވެ.

މީގެއިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލުމާ ބެހޭ ގަވާއިދެއް މިހާރު ފާސްކޮޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މާލެ އާއި އަތޮޅު ތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ކްރައިމް ޕްރިވެންސަން ކޮމިޓީއާއި އެކޮމިޓީތަކުގެ ގަވާއިދާއި ޕޮލިސް ރިކޯޑް ހާމަކުރުމުގެ ގަވާއިދު އެކުލަވާލައި އެޓާނީ ޖެނެރަލްގެ ލަފާފުޅަކަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.