ފީފާއިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ހިންގުމަށް އިންތިގާލީ ކޮމިޓީއެއް އެކުލަވާލުމުން، އެ ކޮމިޓީއަށް ޔޫތު މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެފްއޭއެމަށް ކުރިމަތި ވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ފީފާއިން ކަނޑައެޅި އިންތިގާލީ ކޮމިޓީއަށް އެ މިނިސްޓްރީގެ އެހީތެރިކަމާއި އެއްބާރުލުން ފޯރު ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައި ވެއެވެ. ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އުވާލައި، އިންތިގާލީ ކޮމިޓީއެއް އެކުލަވާލަން ނިންމާފައި ވަނީ ފީފާގެ އިމަޖެންސީ ކޮމިޓީން އިއްޔެ އެވެ.

ފީފާއިން ބުނި ގޮތުގައި މި ނިންމުން އެ އިދާރާގެ އިމަރޖެންސީ ކޮމިޓީން ނިންމާފައި ވަނީ އެފްއޭއެމްގެ ކޮންގްރެސް ބާއްވަން އެ އެސޯސިއޭޝަނުން މިހާތަނަށް ނުކުޅެދިފައި ވާތީ ކަމަށާއި، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ (އެކްސްކޯ) ބައެއް މެންބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ އެސޯސިއޭޝަންގެ ނިންމުންތައް ނިންމުމަށް އެފްއޭއެމްގެ އެކްސްކޯ ނުކުޅެދިފައި ވާތީ ކަމަށެވެ.

ސެޕްޓެމްބަރު މަހު އެފްއޭއެމުން ބާއްވަން އުޅުނު ކޮންގްރެސް ވަނީ އެޖެންޑާގެ މައްސަލަ ދިމާވެގެން ބޭއްވޭގޮތް ނުވެފައެވެ. މި ކޮސްގްރެސް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުނީ އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު އާއި ނައިބު ރައީސް އަބްދުލް މުހްސިން ހަމީދު (ޖޭފޯ) ގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން 18 ކްލަބަކުން ހުށައެޅުމުން އެކަން އެ ކޮންގްރެސްގެ އެޖެންޑާގައި ހިމަނާފައި ނެތީމައެވެ. މިކަމާ ގުޅިގެން ފީފާއިން ވަނީ އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާހު ނުކޮށް ކޮންގްރެސް ނުބޭއްވުމަށް އެފްއޭއެމްއަށް އަންގާފައެވެ.

މީގެ އިތުރުން އެފްއޭއެމް ހިންގާ ގޮތާމެދު ހިންހަމަ ނުޖެހިގެން ކަމަށް ބުނެ އެފްއޭއެމްގެ އެކްސްކޯގެ ދެ މެންބަރަކު ވަނީ މިދިޔަ މަހު ކުރީކޮޅު އިސްތިއުފާ ދެއްވާފައެވެ. އެ ހާލަތުގައި އެފްއޭއެމްގެ އަސާސީ ގަވައިދުގެ ދަށުން އެ އެސޯސިއޭޝަންގެ އެކްސްޓްރޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ޖެހޭއިރު، އެފްއޭއެމް ވަނީ މި ކޮންގްރެސް ބާއްވަންވެސް ނުކުޅެދިފައެވެ.