ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އަދަބު ލުއި ކުރާ މުއްދަތު އަވަސް ކުރުމަށް، މައާފުދިނުމާ އަދަބުލުއިކޮށްދިނުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ތަސްދީގު ކުރައްވައިފި އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން ތައްޔާރު ކުރައްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) ހުށަހެޅުއްވި އެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ތާރިގު ހުށަހެޅުއްވި އިސްލާހުގައި ވަނީ ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްގެ އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނީ އެ މީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރު ބައި ކުޅަ އެއްބައި ތަންފީޒުވެ ނިމުމުން ކަމަށެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި ބުނެފައި ވަނީ އަދަބު ލުއިކޮށްދިނުމަށް އެދި ރައީސަށް ހުށަހަޅަން ޖެހޭނީ ހުކުމް ތަފީޒު ކުރާތާ ތިން ބައިކުޅަ އެއްބައި ތަންފީޒުވެ ނިމުމުންނެވެ.

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލް ހުށަހެޅި ސަބަބާ ބެހޭ ގޮތުން ތާރިގު ސްޕޮންސާ ކުރައްވާފައިވާ ބިލުގައި ބުނެފައި ވަނީ ކުރިން އަމަލު ކުރި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އަދަބު ދީފައިވާ މީހުންނަށް ކޮންމެ ވެސް މިންވަރެއްގެ ލުޔެއް ލިބިދީ މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހަދަންޖެހޭ ކަމަށެވެ.