02 Dec 2014, 17:51
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ އެއް ހަމައެއްގައި ހިފައްޓާލުން މުހިންމު ކަމަށާއި، ލީގު ނިމެންދެން ވަރުގަދަ ކުޅުމެއް ދައްކަން ޖެހޭކަމަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޔާޔާ ޓޯރޭ ބުނެފިއެވެ.
ބުދަ ދުވަހު ސިޓީން ސަންޑަލޭންޑާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޓޯރޭ ބުނީ އިންގިރޭސި ޕްރިމިއާ ލީގަކީ މުހިންމު ލީގެއް ކަމަށާއި، އެ ލީގުގައި ރަނގަޅު ނަތީޖާތަކެއް ހޯދަން ކުރަން ޖެހޭނީ ކޮންކަމެއްކަން ސިޓީއަށް ރަނގަޅަށް އިނގޭނެ ކަމަށެވެ.
"ޗެލްސީއާ އެއްވަރަށް ލީގުގައި ހިފައްޓާލުން އެއީ ސިޓީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް. ޕްރިމިއާ ލީގުގެ މެޗަކުން ބަލިވުމުން އެ ޓީމަކާ ދިމާލަށް ފާޑުކިޔުންތައް އަމާޒުވުމަކީ އަބަދުވެސް ވާކަމެއް. މި ޓީމުން ކުރަންޖެހޭނެ ހަމައެކަނި ކަމަކީ ރަނގަޅު ނަތީޖާތަކެއް ލިބެންދެން މަސައްކަތްކުރުން. ސިޓީގައި މިހާރު އޮތް ސްކޮޑަކީ ވަރަށް ފެންވަރު ރަނގަޅު ސްކޮޑެއް،" ޓޯރޭ ބުންޏެވެ.
މި ސީޒަންގެ ކުރީކޮޅު ޓޯރޭގެ ކުޅުމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވާއިރު، އޭނާ ބުނީ އެކަމާ މެދު ނުވިސްނާނެ ކަމަށާއި، އޭނާ ވިސްނަނީ ސިޓީއަށް އޭނާގެ އެންމެ ރަނގަޅު ކުޅުން ދައްކައިދެވޭތޯ ކަމަށެވެ.
"ގިނަ ފަހަރަށް މީހުން ފާޑު ކިޔާއިރު، އަހަރުމެންވެސް މީ އިންސާނުންކަން ނުވިސްނާ. އަހަރުމެނަށްވެސް ކުށް ކުރެވޭނެ. މީހުންގެ ފާޑު ކިޔުމަކީ އަހަރެން އެކަމާ ދޭތެރޭ މާ ބޮޑަށް ވިސްނާ ކަމެއް ނޫން. އަހަރެން އަބަދުވެސް ފޯކަސް ކުރަނީ ޓީމަށް ރަނގަޅު ކުޅުމެއް ދައްކަދޭން،" ޓޯރޭ ބުންޏެވެ.
އަންނަ ބުދަ ދުވަހު ސިޓީ ސަންޑަލޭންޑާ ދެކޮޅަށް ކުޅޭ އިރު، ސަންޑަލޭންޑް ވަނީ ހޮނިހިރު ދުވަހު ޗެލްސީއާ ބައްދަލުކުރި މެޗު އެއްވަރު ކޮށްފައެވެ. ޓޯރޭ ބުނީ ސިޓީ އެ ޓީމާ ދެކޮޅަށް ކުލޭ މެޗު އެހާ ފަސޭހަ ނުވާނެ ކަމަށާއި، އެ ޓީމަކީ ރަނގަޅު ޑިފެންސެއް އޮތުމުގެ އިތުރުން، ކައުންޓާގައި ރަނގަޅު ހަމަލާތަކެއް އުފައްދާ ޓީމެއް ކަމަށެވެ. އަދި ކުރިން ސިޓީއަށް ކުޅުމަށްފަހު މިހާރު ސަންޑާލޭންޑަށް ކުޅެމުން އަންނަ އެޑަމް ޖޯންސަންއަށް ސިޓީގެ ކުޅުން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި، އޭނާ ސިޓީއަށް ނުރައްކާ ކުރާނެ ކަމަށްވެސް ޓޯރޭ ބުންޏެވެ.
ޓޯރޭ 2010 ވަނަ އަހަރުން ފެށިގެން ސިޓީއަށް 146 މެޗު ކުޅެދީފައި ވާއިރު، އޭނާ ވަނީ އެ ޓީމަށް މި މުއްދަތުގެ ތެރޭ މުޅިއަކު 41 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެފްރިކާގެ އައިވަރީ ކޯސްޓަށް ނިސްބަތްވާ ޓޯރޭ އޭނާގެ ގައުމީ ޓީމަށްވެސް 85 މެޗު ކުޅެދީފައި ވާއިރު، އޭނާ ވަނީ ގައުމީ ޓީމަށް މުޅިއަކު 16 ލަނޑު ކާމިޔާބު ކޮށްދީފައެވެ.