ކެޕިޓަލް މާކެޓަށް ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫއެއްގައި އިސްލާމިކް މިނިސްޓްރީ އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. ސީއެމްޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ސީއީއޯ ފާތިމަތު ޝަފީގާ އެވެ.

އެމްއޯޔޫ ކުރެވުނީ ކުރިން ދެ ފަރާތުގެ މެދުގައި ކުރެވިފައިވާ އެމްއޯޔޫގެ މުއްދަތު ހަމަވުމުން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

އެ އެމްއޯޔޫގެ ދަށުން ކޮންމެ މަހަކު ވެސް އިސްލާމިކް ފައިނޭންސަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގައި 200 އަށް ވުރެ ގިނަ ފަރާތް ވަނީ އިސްލާމިކް ފައިނޭންސަށް ހާއްސަކޮށް ތަމްރީނުކޮށް ސެޓްފިކެޓް ދީފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން އެމްއޯޔޫގެ ދަށުން ދިވެހި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ސެންޓަރެއް ގާއިމުކޮށް ސައުތު އޭޝިއާ ރީޖަންގައި އިސްލާމިކް ފައިނޭންސް ތަރައްގީކުރުމުގެ މަޝްރޫއަށް ދެ ފަރާތުން އެއްބާރުލުންދިނުން ހިމެނިފައިވާ ކަމަށާއި އެގެ ސަބަބުން އޭގެ ސަބަބުން ރާއްޖޭގައި އިސްލާމިކް ފައިނޭންސް އިލްމު ފުޅާވެގެންދާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.