ގއ. ދެއްވަދޫ އާއި ބ. ކެންދޫ އާއި ހއ. ތުރާކުނު ހެލްތު ސެންޓަރު މަރާމާތު ކުރުމަށް ބަޔަކާ ހަވާލު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ތިން ރަށުގެ ހެލްތު ސެންޓަރު މަރާމާތު ކުރުމުގެ އެއްބަސް ވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.

ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ ގޮތަށް، ދެއްވަދޫ ހެލްތު ސެންޓަރު އާބާތުރަ ފިލުވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އިބްރާހިމް ސަލީމް އެވެ. ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާގެ އެ ޕްރޮޖެކްތަކީ 100 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓެކެވެ.

ކެންދޫ ހެލްތު ސެންޓަރުގެ އާބާތުރަ ފިލުވަން ހަވާލުކޮށްފައި ވަނީ ރަޒާ ކޮންޓްރެކްޓިން ޕްރައިވެޓް ލިމިޓެޑާ އެވެ. ހަތަރު ލައްކަ ރުފިޔާގެ އެ ޕްރޮޖެކްޓެގައި އެކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ އެމްޑީ އަބުދުލް ރައޫފު އެވެ. އެ މަސައްކަތަކީ 60 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި ޕްރޮޖެކްތެކެވެ.

ތުރާކުނު ހެލްތު ސެންތަރުގެ އާބާތުރަ ފިލުވަން ހަވާލުކޮށްފައި ވަނީ 28 ދުވަސްތެރޭ އެ މަސައްކަތް ނިންމާ ގޮތަށް ސީޑްލިން ކޮންސްޓަރަކްޝަން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ޕްރޮޖެކްޓަކީ ދެ ލައްކަ ރުފިޔާގެ ޕްރޮޖެކްޓެކެވެ.