މިދިޔަ އަހަރުގެ ސީޒަންގައި ވެލެންސިއާއަށް ކުުޅުނު 23 އަހަރުންދަށުގެ ޤައުމީ ޓީމުގެ އަލީ ފާސިރު(ސެންޓޭ) ނިއުރޭޑިއަންޓަށް ސޮއިކޮށްފި އެވެ. އަދި މިިދިޔަ ސީޒަންގައިވެސް ނިއުއަށް ކުޅުނު އިބްރާހީމް ޝިޔާމް(ކުޑަތޮއްޑޫ)ގެ އެގްރިމަންޓްވެސް އާކޮށްފައިވާ ކަމަށް ކްލަބުން ބުނެފި އެވެ.

އާ އަހަރުގެ ސީޒަނަށް ތައްޔާރުވުމަށް ކުޅުންތެރިން ހޯދުމުގެ ބާޒާރުގައި މިހާތަނަށް މާބޮޑު އަޑެއް ނެތް ނިއުގެ މެނޭޖަރ އަންވަރު އަލީ ރޭ ބުނީ ސެންޓޭ އާއި ކުޑަތޮއްޑޫވެސް ނިއުގެ އެގްރިމަންޓްގައި ސޮއިކޮށްފައިވަނީ އިއްޔެ ހަވީރު ކަމަށެވެ. "ސެންޓޭ އަކީ މިދިޔަ އަހަރުގެ ސީޒަންގައި ރަނގަޅު ކުޅުމެއް ދެއްކި އުއްމީދީ ކުޅުންތެރިއެއް. އެހެންވެ 1 އަހަރުގެ އެގްރިމަންޓެއްގައި އޭނާ ސޮއިކޮށްފައިވަނީ." އަންވަރު ބުންޏެވެ.

އަންވަރު ބުނީ މިދިޔަ އަހަރު ކްލަބްގައި ތިބި ކުޅުންތެރިންގެ ތެރެއިން އެހެން ކްލަބަކާ ނުގުޅި ތިބި ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމަށްޓަކާވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. "އެގޮތުގެ މަތިން ތޮއްޑޫގެ ކޮންޓްރެކްޓްވެސް އެ ވަނީ އާ ކުރެވިފައި. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކުޅުންތެރިންގެ ކޮންޓްރެކްޓްވެސް އާ ކުރާނަން" އަންވަރު ބުންޏެވެ.

އަންވަރު ބުނީ ނިއުއަށް ކުޅުނު ބައެއް ކުޅުންތެރިން އެހެން ކްލަބްތަކާ ގުޅިފައިވިއަސް މިއަހަރަށްވެސް ރަނގަޅު ޓީމެއް ނެރެވޭނެ ކަމަށެވެ. "ކުޅުންތެރިން ކްލަބް ދޫކޮށް ދިޔުމާއި އާ ކުޅުންތެރިން ގުޅުމަކީ ކޮންމެ އަހަރަކުވެސް ހިނގާ ކަމެއް. އެހެންވެ އާ ކުޅުންތެރިންތަކެއް މިއަހަރުވެސް ކްލަބުން ފެންނާނެ" އަންވަރު ބުންޏެވެ.
އަންވަރު ބުނީ ޓީމުގެ ޕްރެކްޓިސްވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ކުރިން ކުޅުންތެރިންގެ ކަންތައް ނިންމާނެ ކަމަށެވެ.

ނިއުއަށް 2010 ވަނަ އަހަރު ކުޅުނު ކުޅުންތެރިންގެ ތެރެއިން ޝިނާޒު ހިލްމީ އާއި އަޙްމަދު މުހައްމަދު(އައްމަޑޭ) މާޒިއާއާއި ގުޅިފައިވާއިރު ފަރުހާދު އިސްމާއީލް ދިޔައީ ވީބީ އަށެވެ. މީގެ އިތުރުން އަލީ ނަވާއު ގުޅުނީ ވިކްޓަރީ އާއެވެ.
ނިއުގެ ކޮންޓްރެކްޓް އާ ކުރިކަމަށް މީޑިއާގައި ހާމަވެފައިވާ ކުޅުންތެރިއަކީ ލައިބީރިއާގެ ފޯވަޑް ރައިޓް ޗާލްސް އެވެ.