02 Dec 2014, 17:01
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންތަކަށް ރޭ މާފުށީޖަލުގައި ހަމަލާދީފައި ވަނީ ޖަލުގައި ހުރި ފަންކާއެއް ހަލާކުކޮށްލައިގެން ހަތިޔާރު އުފައްދައިގެން ކަމަށް އެ ސާވިސް އިން ބުނެފި އެވެ.
މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސްޕްރިންޓެންޑެންޓް މުހައްމަދު އާސިފް ވިދާޅުވީ ހަ އޮފިސަރުންނަށް ހަމަލާދިނުމުގެ ހާދިސާއަކީ ދުރާލައި ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށެވެ. އަދި އެ ހަމަލާދީފައި ވަނީ ގައިދީން ތިބި ގޮޅީގައި ހުރި ފަންކާ ހަލާކުކޮށްލައިގެން ހަތިޔާރު އުފައްދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައިދީން އުފެއްދާފައިވާ ހަތިޔާރުތަކުގެ ފޮޓޯ ނޫސްވެރިންނަށް ވަނީ ދައްކާލައިފަ އެވެ.
"މިއީ ފަންކާ ނައްޓާލައިގެން އެމީހުން ހަދާފައި ހުރި އެއްޗެއް. އެމީހުންގެ ގޮޅީގައި. އަޅުގަނޑަށް ގަބޫލުކުރެވެނީ މިއީ އެމީހުން ރާވައިގެން ހިންގާފައި އޮތް ކަމެއް ކަމަށް،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުގައި ހިނގި އެ ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައި ވަނީ ބާރުގެ ބޭނުން ކޮށްގެން ކަމަށާއި ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި ކުށްވެރިންނަށް ކުދި އަނިޔާތަކެއް ލިބުނު ކަމަށެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހޭ ވަރުގެ ޒަޚަމެއް ލިބިފައިނުވާ ކަމަށް އާސިފް ވިދާޅުވި އެވެ.
"ތިޔަ ފެނިވަޑައިގަންނަވާ ފޮޓޯއަކީ ފަންކާ ހަލާކުކޮށްލައިގެން ހަދާފައި ހުރި އެއްޗިހިތަކެއް. މި ހާދިސާ ކޮންޓްރޯލް ކުރުމަށް ޓަކައި އަޅުގަނޑުމެން ވާނީ ބާރުގެ ބޭނުންކޮށްފައި. ބާރުގެ ބޭނުންކޮށްގެން ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގެ ތެރޭގައި ކުށްވެރިންނަށް ކުދި އަނިޔާވި. އެހެންނަމަވެސް އެއްވެސް ކުށްވެރިޔަކު ހޮސްޕިޓަލުން ފަރުވާދޭ ހާލަތަކަށް ނުދޭ،" އާސިފް ވިދާޅުވި އެވެ.
މާފުށީ ޖަލުގެ ޔުނިޓު ތިނަކަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވަދެފައި ވަނީ ކުށްވެރިން ނިދުމުގެ ކުރިން ނަގަންޖެހޭ މާސްޓާ ނެގުމަށެވެ. މާސްޓާ ނަގަނީ ޖަލުގައި ކުށްވެރިން ހަމައަށް ތިބިކަން ކަށަވަރު ކުރުމަށްޓަކަ އެވެ.
ގައިދީންގެ ހަމަލާތަކުގައި ދެ އޮފިސަރެއްގެ ބޯ ފަޅައިގެން ގޮސް އިތުރު އޮފިސަރުންތަކަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. އެ ހަމަލާގައި ޒަޚަމްވި ފަސް އޮފިސަރަކަށް ފަރުވާ ދިނުމަށް ފަހު ރޭ އައިޖީއެމްއެޗުން ވަނީ ދޫކޮށްލައިފަ އެވެ.
އާސިފް ވިދާޅުވީ އޮފިސަރުންނަށް ހަމަލާދީފައި ވަނީ ހަ ގައިދީއަކު ކަމަށާއި އެއީ މަސްތުވާތަކެއްޗާއި މަރުގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ނުރައްކާތެރި ކުށްވެރިންތަކެއް ކަމަށެވެ. އަދި އެމީހުންގެ ތެރޭގައި ދާދިފަހުން ޖަލުން ފިލި ގ. ގޯޒީ އިބްރާހީމް ޝަހުމް އާދަމާއި ގއ. މާމެންދޫ ޖަވާހިރުވާދީ ފަރިޔާޝް އަހްމަދު ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އާސިފް ވިދާޅުވީ އެ ދެ ކުށްވެރިން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ރޭ ހިންގި މާރާމާރީ އަކީ ޖަލުން ފިލަންވެގެން ކުރި ކަމެއް ކަމަށް ފާހަގަކުރެވިފައިނުވާ ކަމަށާއި ބޮޑަށް ލަފާ ކުރެވޭ ގޮތުގައި އެއީ ޖަލުގެ ހަމަޖެހުން ނަގާލަން ކުރިކަމެއް ކަމުގައި ކަމަށް އާސިފް ވިދާޅުވި އެވެ.
"އެހެންނަމަވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން އަޅުގަނޑުމެން އަޅުގަނޑުމެންގެ ވާޖިބު އަދާކުރުމުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނުޖެހޭނަން. ގާނޫނުގައި އަޅުގަނޑުމެންނާ މަތިކޮށްފައި އޮތް ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" އާސިފް ވިދާޅުވި އެވެ.