02 Dec 2014, 16:47
ރާއްޖޭގެ ރައްޔިތުންނަށް އިންޓްރެސްޓު ކުޑަ ލޯނެއް ތައާރަފްކޮށްފިނަމަ ރާއްޖޭގެ އިންފްލޭޝަން ރޭޓު އެތައް ގުނަ އަކަށް ދަށް ވެގެން ދާނެ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.
އާމިރު "ސަން"އަށް މިއަދު ވިދާޅުވީ މާލެ އާއި މާލެ ކާރީގައި ގެދޮރު އިމާރާތް ކުރާ ފަރާތްތަކުން ގެދޮރު ހަދަނީ ފުދޭ ވަރަކަށް ބޮޑަށް އިންޓްރެސްޓު އަރާ ލޯނު ނަގައިގެން ކަމަށެވެ. ތަކެތީގެ އަގު ބޮޑުވެގެންދާ ސަބަބުތަކުގެ ތެރޭގައި އެ މައްސަލަ ވެސް ހިމެނޭ ކަމަށް އާމިރު ވިދާޅުވި އެވެ.
"އިންޓްރެސްޓު ބޮޑެތި ލޯނުތަކުގެ ސަބަބުން އެބޭފުޅުން ގެދޮރު އިމާރާތްކޮށްފައި ގްރައުންޑުގައި ހުންނަ ފިހާރަ ދޭން މި ޖެހެނީ ބޮޑު އަގުގައި. އާހިރުގެ ނަތީޖާއަކަށް ވެގެންދަނީ އެއްކަލަ ކިރު ދަޅުގެ އަގު ބޮޑުވުން. މިއީ ވެސް ތަކެތީގެ އަގު ބޮޑުވެގެންދާނެ ސަބަބެއް،" އާމިރު ވިދާޅުވި އެވެ.
މަސްވެރިކަމަށް ދެމުންދާ ލޯނުތަކާއި އެ ސިނާއަތް ތަރައްގީ ކުރުމުގެ މަސައްކަތް އަދިވެސް ފެންނަމުންދަނީ ވަރަށް ހީނަރުކޮށް ކަމަށް އާމިރު ވިދާޅުވި އެވެ. އެގޮތުން އޮޑި ދޯނި ފަހަރު ބަނުމަށް އިންޓްރެސްޓު ކުޑަ ލުއި ލޯނެއް ތައާރަފްކޮށްފި ނަމަ ރައްޔިތު މީހާ ބަނގުރޫޓުވުން ކުޑަވާނެ ކަމަށް އާމިރު ވިދާޅުވި އެވެ.
"މިހާރު މިއޮންނަ ސިސްޓަމްގެ ތެރެއިން މި ވާގޮތަކީ މި ނަގަނީ އެއް މިލިއަން ދެ މިލިއަން ރުފިޔާ ދީފައި ދޯނީގައި އިންޖީނެއް މި އަޅަނީ. އެ އިންޖީނު އެޅުމަށް ނަގާ ލޯނު 11.5 ޕަސެންޓު އިންޓުރެސްޓުގައި އިނީމާ ދިހަ އަހަރަށް ބަހާލައިގެން ލޯނު ދައްކާއިރުގައި 120 ޕަސެންޓު ވަރު އިތުރަށް އެބަ ދައްކަން ޖެހޭ. އެހެންވީމަ އެއްކަލަ ދެ މިލިއަން ރުފިޔާގެ ލޯނު ދައްކާ ހަލާސްކުރާއިރު ހަތަރު މިލިއަން ރުފިޔާ މުޅި ޖުލުމަ އަރާ،" އާމިރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓު ރިކަމަންޑޭޝަންއެއްގެ ގޮތުގައި އާމިރު ވަނީ އެ ހުށަހެޅުން ހުށަހަޅާފަ އެވެ. އަދި އެ ހުށަހެޅުންވަނީ ކޮމެޓީން ފާސް ވެސް ކޮށްފައި އެވެ.