ހޮޅުދޫއިން އަހުމަދު ސާއިލް އަލީ

ނ. ހޮޅުދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

ހޮޅުދޫގައި ނަރުދަމާގެ މަސައްކަތް މިއަދު މެންދުރުފަހު ރަސްމީކޮށް ފައްޓައިދެއްވީ އެންވައިރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމާއި އެ މިނިސްޓުރީގެ ސުޓޭޓް މިނިސްޓަރު އަބުދުލް މަތީންއެވެ. ރަސްމިއްޔާތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ހޮޅުދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: އަހުމަދު ސާއިލު
ހޮޅުދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޑަބްލިޔުއެސްސީއާ އެވެ. އެ މަސައްކަތުގެ ދަށުން 140 ޖަންގްޝަން ބަހައްޓައި ދެ ޕަންޕު ސްޓޭޝަން ގާއިމް ކުރާނެ އެވެ. އަދި ނަރުދަމާއިން އެއްކުރާ ނަޖިސް ބޭރު ކުރުމަށް ކަނޑައަށް ހޮޅި އަޅާނެ އެވެ.

ދިވެހި ދައުލަތުން 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓުގެ މަސައްކަތް ފެށިތާ 15 ވަރަކަށް ދުވަސް ވެފައިވީ ނަމަވެސް ރަސްމީކޮށް މަސައްކަތް ފައްޓަށާފައި ވަނީ މިއަދު އެވެ. އެމްޑަބްލިޔުއެސްސީން ބުނާ ގޮތުން މަސައްކަތުގެ 20 ޕަސެންޓް ވަނީ ނިމިފަ އެވެ. އެގޮތުން ނަރުދަމާ ހޮޅި ވަޅުލުމާއި ޕަންޕު ސްޓޭޝަންތައް މިހާރު ވަނީ އެ ރަށުގައި ގާއިމްކޮށްފަ އެވެ.
ހޮޅުދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: އަހުމަދު ސާއިލު
މިރަށުގައި ގާއިމު ކުރާ ނަރުދަމާގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށާ އިރު އެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލަންޖެހެ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން މި ރަށުގެ ހުރިގާ ގެއަކަށް ނަރުދަމާ ނިޒާމް ގުޅާލުމަށް ވަނީ ނިންމާފަ އެވެ. މި ޕުރޮޖެކްޓްގެ ދަށުން މަގުތަކުގައި ހޮޅި ވަޅުލެވޭއިރު ރަށުގެ އެކި ހިސާބްތަކުގައި ޕަންޕުތައް ގާއިމްކޮށް އެޕަންޕުތަކުގެ އެހީގައި ނަޖިސް ކަނޑަށް ބޭރުކުރެވޭނެ ކަމަށް މިނިސްޓުރީން ބުންޏެވެ.
ހޮޅުދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: އަހުމަދު ސާއިލު
ހޮޅުދޫގެ ފެން ތަގައްޔަރުވެ މި ރަށުގެ ގިނަ ރައްޔިތުންނަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައި ކަން މިރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކާލުމުން އެނގުނެވެ. ނަރުދަމާގެ މަސައްކަތް ފެށުމާއެކު މިރަށު ރައްޔިތުންނަށް ވަނީ ބޮޑު ހިންހަމަޖެހުމެއް ލިބިފައި ކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ.