ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް)ގެ ރައީސް އިލްހާމް އަހްމަދު މަގާމުން ވަކިކޮށް، އެފްއޭއެމްގެ ކަންކަން ރަނގަޅު ކުރުމަށް އިންތިގާލީ ކޮމިޓީއެއް، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން އެކުލަވާލައިފިއެވެ.

ފީފާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖާގެ ފުޓްބޯޅަ އެސޯސިއޭޝަން ހިންގަން އިންތިގާލީ ކޮމިޓީއެއް ފީފާއިން އެކުލަވާލަން ނިންމީ އެ އިދާރާގެ އެމަޖެންސީ ކޮމިޓީން އިއްޔެ ކަމަށެވެ. އަދި ފީފާއިން މި ނިންމުން ނިންމާފައި ވަނީ ފީފާގެ ގަވާއިދުގެ ހަތް ވަނަ މާއްދާގެ ދެ ވަނަ ޕެރެގްރާފްގެ ދަށުން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އިންތިގާލީ ކޮމިޓީގެ މައްސޫލިއްޔަތަކަށް ވާނީ އެފްއޭއެމްގެ ގަވާއިދުތައް އިސްލާހު ކުރުމުގެ މައްސަކަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، އެންމެ ލަސްވެގެން އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ކުރިން އެފްއޭއެމްގެ އިންތިޚާބު ބޭއްވުމުގެ ކަންކަން ހަމަޖައްސައި ހިންގުން ކަމަށް ފީފާއިން ބުންޏެވެ.

ފީފާއިން އެކުލަވާލި އިންތިގާލީ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އެވެ. އެ ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ހަމީދު އަބްދުލް ޣަފޫރު (އައްޑޯ) އެވެ. އަދި އެ ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ދެން ހަމަޖައްސަވާފައި ވަނީ މުހައްމަދު ނިޒާމް އާއި ގައުމީ ޓީމްގެ ކުރީގެ ފޯވާޑު އަލީ އުމަރު އަދި ފަސީހު ޒާހިރު އެވެ.

ފީފާއިން ބުނިގޮތުގައި އެ ކޮމިޓީ އެކުލަވާލަން ނިންމީ އެފްއޭއެމްގެ ކޮންގްރެސް ބާއްވަން އެ އެސޯސިއޭޝަނުން މިހާތަނަށް ނުކުޅެދިފައި ވާތީ އެވެ. އަދި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބައެއް މެންބަރުން އިސްތިއުފާ ދެއްވުމުގެ ސަބަބުން އެ އެސޯސިއޭޝަންގެ ނިންމުންތައް ނިންމުމުގައި އެގްޒެކްޓިވް ކޮމެޓީ ނުކުޅެދިފައިވާ ކަމަށް ވެސް ފީފާ އިން ބުންޏެވެ.