މިދިޔަ އާދީއްތަ ދުވަހު މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި ހިންގި މާރާމާރީގައި ޒަޚަމްވި ކުށްވެރިޔާ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސްޕްރިންޓެންޑެންޓް މުހައްމަދު އާސިފް ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު 4:45 އެހައިކަންހާއިރު ހިންގި އެ މާރާމާރީގައި ކުށްވެރިޔާގެ ބޮލަށް ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް ލިބުނު ކަމަށާއި އެ ޒަޚަމްތަކަށް ފަރުވާދީފައިވާ ކަމަށެވެ.

"މި ހާދިސާގައި އެ ކުށްވެރިޔާގެ ބޮލަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބި ޒަޚަމްތަކެއް ހިނގި. އެހެންނަމަވެސް އަޅުގަނޑުމެން ގިނަ އިރުތަކެއް ނުކޮށް އަޅުގަނޑުމެންގެ މެޑިކަލް ސެންޓަރަށް އޭނަ ގެނެސް މެޑިކަލް ސެންޓަރުން އޭނައަށް ދޭންވާ ފަރުވާ ދިނުމަށްފަހު އޭނާ އައިޖީއެމްއެޗަށް ގެންގޮސް އެކްރޭނަގަން ބޭނުންވާ ކަމަށް ޑޮކްޓަރު ދެންނެވުމުން އެކްރޭނަގައި އިތުރަށް ކުރަންޖެހޭ ތަހުލީލުތައް ވަނީ ކޮށްފައި،" އާސިފް ވިދާޅުވި އެވެ.

އެ މާރާމާރީ ހިންގާފައި ވަނީ މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ގައިދީން ބޭރަށް ނެރެން އުޅުނު ވަގުތު ކަމަށާއި ފަރުވާ ދިނުމަށް ފަހު އެ ކުށްވެރިޔާ އަނބުރާ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އާސިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މާރާމާރީ ހިނގަން މެދުވެރިވުމުގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

"މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުން 30 ނޮވެމްބަރުގައި ކުށްވެރިން އެއްބަޔަކު އަނެއް ބަޔަކާ ހިންގި މާރާމާރީގައި އަޅުގަނޑުމެންގެ އޮފިސަރަކު އެކަމުގެ ތެރޭގައި އިންވޯލްވްވެފައި ނުވާނެ ކަމަށް. އަދި އަޅުގަނޑުމެންގެ އޮފިސަރުން އެކަން ފެނުނު ވަގުތުން ފެށިގެން އެކަށް އެޓެންޑުކޮށް އޭނާ އެތަނުން ނެރެ ދޭންޖެހޭ ފަރުވާ ގަވާއިދުން ވަނީ ދެވިފައި،" އާސިފް ވިދާޅުވިއެވެ.