02 Dec 2014, 15:09
އެކިކަހަލަ އާދަޔާ ޚިލާފު ކައިވެނިތައް ކުރަމުން އަންނަ އިންޑިޔާގައި މިދިޔަ އާދިއްތަ ދުވަހު ވަނީ އަނެއްކާ ވެސް ވަރަށް އާދަޔާ ޚިލާފު ކައިވެންޏެއް ކޮށްފި އެވެ.
ޑޮކްޓަރު އާރް ބީ ބެސަނިޔާ ނަމަކަށް ކިޔާ ޑޮކްޓަރެއްގެ އަންހެން ދަރިފުޅުގެ ކައިވެނި ހަފްލާ އަށް ދައުވަތުދީގެން ދިޔަ އެއްވެސް މީހަކު ހަދިޔާއެއް ނުގެންދެ އެވެ. އެ އެންމެން ވެސް ކިޔު ހެދީ ލޭ ހަދިޔާ ކުރުމަށެވެ. އަނެއް ބަޔަކު އެއްބަސްވީ ގުނަވަން ހަދިޔާ ކުރުމަށެވެ.
ޑޮކްޓަރު ބެސަނިޔާ އަކީ ލޭ އަދި ގުނަވަން ހޯދައިދިނުމަށް ކެންޕެއިންތައް ކުރަމުން އަންނަ ޑޮކްޓަރެކެވެ. އެހެން ކަމުން އަންހެން ދަރިފުޅުގެ ކައިވެނި ހަފްލާވެސް އޭނާ ބޭނުން ކުރީ މި ކެންޕެއިން އަށެވެ. 370 އަށް ވުރެ ގިނަ މީހުން މި ޕާޓީގައި ލޭ ހަދިޔާ ކޮށްފައިވާ އިރު އެތައް ބަޔަކު ވަނީ ގުނަވަންތައް ހަދިޔާ ކުރާނެ ކަމަށް ވައުދު ވެފައެވެ.
"އަހަރެންގެ މަގުސަދަކީ ލޭ އަދި ގުނަވަންތައް ހަދިޔާ ކުރުމުގެ މުހިއްމުކަމުގެ މައްޗަށް މީހުން ހޭލުންތެރިކުރުވުން. ކައިވެންޏަކީ ދިރިއުޅުމުގެ މުހިއްމުކަން ދައްކުވައިދޭ އެންމެ މާތް އެއް ދުވަސް. އަހަރެންގެ ދަރިފުޅު ދިވާނީ އަދި ދަނބިދަރި ޖެއި ޕަންޑިޔާ ވެސް އެމީހުންގެ ކައިވެނި ހަފްލާގައި ލޭ ހަދިޔާކުރީ ވަރަށް އުފަލުން ތިބެ. އެ މީހުންނަކީ ވެސް ޑޮކްޓަރުން. އެއީ އަހަރެމެންގެ އާއިލާ އަށް ލިބުނު އެންމެ ރަނގަޅު ވެޑިން ހަދިޔާ." ޑޮކްޓަރ ބެސަނިޔާ ޓައިމްސް އޮފް އިންޑިޔާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.
ޑޮކްޓަރު ވަނީ މި ކައިވެނި ހަފްލާ ގީނިސް ވޯލްޑް ރިކޯޑް އަދި ލިމްކާ ބުކް އޮފް ރިކޯޑްސްގައި ވެސް ރަޖިސްޓްރީ ކޮށްފައެވެ.
"އަހަރެމެން ނިންމީ ދަރިފުޅުގެ ކައިވެންޏަށް އެއްވެސް އަގުބޮޑު އެއްޗެއް ނުވަތަ ހަދިޔާ އެއް ނުދޭން. އޭގެ ބަދަލުގައި އެދެމަފިރިންގެ ކިބައިން ވެސް އަހަރެމެން އެދުނީ އެދެމީހުންގެ ލޭ އަދި ގުނަވަން ވެސް ހަދިޔާ ކުރުމަށް. މީގެ އިތުރުން އެދެމަފިރިން ވަނީ އަންހެން ދަރިއެއް ލިބޭނަމަ އެބޯރޓް ނުކުރާނެ ކަމަށްވެސް ވައުދުވެފައި. އަދި ދުންފަތުގެ ބާވަތްތަކުން ދުރުވެ ތިބުމާއި ލޭ ހަދިޔާ ކުރުމާއި ހަށިގަނޑުގެ ގުނަވަންތައް ހަދިޔާ ކުރުމުގެ މުހިއްމުކަމަށް ހޭލުންތެރި ކުރުމަށް މަސައްކަތް ކުރުމަށް ވެސް އެމީހުން ވައުދުވި." ޑޮކްޓަރު ބެސަނިޔާ އިތުރަށް ބުންޏެވެ.