02 Dec 2014, 14:30
ކޮލަމްބިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ފުއެރްޒާސް އާމަޑާސް ރިވޮލިއުޝަނަރިއާސް ޑި ކޮލަމްބިއާ (ފާކް)ގެ އަތްދަށުވެ، ރަހީނުވުމަށް ފަހު ސަލާމަތްވި އެގައުމުގެ ޖެނެރަލަކު މަގާމުން އިސްތިއުފާދީފި އެވެ.
ބީބީސީ އިން ބުނީ ޖެނެރަލް އަޒްލޭޓާއި އޭނާއާ އެކު ތިބި އެހެން ދެމީހަކު ފާކުން ވަގަށް ނެގީ ޖަންގަލީގެ ތެރެއިން ދެމިފައިވާ ކޯރެއްގެ އެކަހެރި ހިސާބަކަށް ދަތުރުކުރަނިކޮށް ކަމަށެވެ. ޖެނެރަލް ރަހީނުވުމަށް މެދުވެރިވި ސަބަބު އޮޅުން ފިލުވައި ދިނުމަށް ކޮލަމްބިއާގެ ރައީސް ޔުއަން މެނުއަލް ސަންތޯސް ވަނީ ސިފައިންގެ ކިބައިން އެދިފަ އެވެ.
ނަމަވެސް ޖެނެރަލް އަޒްލޭޓް ވަނީ އޭނާގެ ރައްކާތެރިކަމަށް ސިފައިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެފައިވާ ކަމަށް އިއުތިރާފް ވެފައެވެ. އޭނާ ބުނެފައި ވަނީ އޭނާ އިސްތިއުފާ ދިނީ އެހާދިސާގެ ސަބަބުން އަސްކަރިއްޔާއަށް އަސަރުކޮށްފައި ވާތީ އާއި އޭނާ އަސްކަރިއްޔާ ދެކެ ލޯބިވާތީ ކަމަށެވެ.
ފާކުން ޖެނެރަލް އަޒްލޭޓް ވަގަށް ނެގީ ކޮލަމްބިއާގެ ޗޮކޯ ޕްރޮވިންސްގައިވާ ޖަންގަލީގެ އެކަހެރި ހިސާބަކުންނެވެ. އެސަރަހައްދަކީ ފާކްގެ 34 ވަނަ ޑިވިޝަން އޮންނަ ސަރަހައްދެކެވެ. ވަގަށް ނެގި އިރު އޭނާ ހުރީ ސިފައިންގެ ޔުނިފޯމްގެ ބަދަލުގައި އާއްމު ހެދުމެއްގަ އެވެ. އެހާ އިސް ޖެނެރަލަކު އާއްމު ހެދުމުގައި އެހާ އެކަހެރި ހިސާބަކަށް ދަތުރުކުރީ ކީއްވެތޯ ކޮލަމްބިއާ މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އޭނާ ބުނެފައި ވަނީ އެގޮތަށް ކަންތައް ކުރީ އިދާރާތަކަށް މީހުން އިތުބާރު ނުކުރާތީ ކަމަށެވެ.
ކޮލަމްބިއާގެ ރައީސް ސަންތޯސް މިހާރު ވަނީ ޖެނެރަލް އަޒްލޭޓްގެ އިސްތިއުފާ ގަބޫލުކުރައްވާފަ އެވެ. އަދި ވިދާޅުވެފައި ވަނީ އަޒްލޭޓް ވަކިވެގެން ދިޔައީ ޝަރަފާ އެކީގައި ކަމަށެވެ.