ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 85 މެމްބަރުން ކަމަށް ކަނޑައެޅުމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހްމަދު އާމިރު ހުށަހެޅުއްވި ބިލް މަޖިލީހުން ބަލައިގެންފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލް ބަލައިގަތީ ވޯޓުގައި ބައިވެރިވި 54 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް 13 މެމްބަރަކު ވޯޓު ދެއްވިއެވެ.
އެ ބިލް އިތުރަށް ދިރާސާ ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

ނިމިގެން ދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް އާމިރު އެ އިސްލާހު ހުށަހެޅުއްވި އެވެ. އެ މަޖިލީހުން އެ މައްސަލަ ބަލައިގަތް ކަމުގައި ވިޔަސް ދައިރު ހަމަވިއިރު ވެސް ކޮމެޓީން އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމާފައެއް ނުވެއެވެ.

އާމިރު ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) އަށް އިސްލާހު ގެނައުމަށެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އިދާރީ ދާއިރާތަކާއި އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް މެމްބަރުންގެ އަދަދަކީ 85 ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލިސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިންތިޚާބީ ދާއިރާތައް ވަކި އިންތިޚާބީ ދާއިރާ ތަކެއްގެ ގޮތުގައި ކަނޑައަޅަން ވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި އިންތިޚާބީ ދާއިރާއަކުން އިންތިޚާބު ކުރާނީ އެންމެ މެމްބަރެއް ކަމަށް ވެސް އާމިރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ބުނެފަ އެވެ.

މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވެފައި ވަނީ ރާއްޖޭގެ އާބާދީ ހަތަރު ލައްކައެއްހާ މީހުންގެ މައްޗަށް ބިނާވެފައިވާއިރު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހަށް އިންތިހާބު ކުރެވޭ މެމްބަރުންގެ އަދަދު އިތުރުވެގެން ދިޔުމަކީ ކަންބޮޑުވާކަމެއް ކަމަށް ވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 85 އަށްވުރެ އިތުރުވެގެން ދިއުމަކީ ތިން ބާރު ވަކިވެފައިވާ ޑިމޮކްރަޓިކް ނިޒާމެއްގައި އެންމެ އެކަށޭނެ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ވެސް އިސްލާހު ހުށަހެޅުއްވި ސަބަބު ތަކުގެ ތެރޭގައި އާމިރު ބަޔާންކުރައްވައިފައި ވެއެވެ.