02 Dec 2014, 14:11
ޗައިނާގެ ޝިންޖިއަން ސަރަޙައްދުގައި ދިން ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެ، ޒަހަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ޗައިނާގެ ރައީސް، ޝީ ޖިންޕިން އަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި އެ ޖަރީމާގައި އެތައް ބަޔަކު މަރުވެ، ޒަހަމްވުމަކީ، ދިވެހި ސަރުކާރަށާއި ދިވެހި އެންމެހައި ރައްޔިތުންނަށް އަދި ހުދު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހައިރާން ކަމަކާއި ނުތަނަވަސް ކަމެއް ކަމުގައި ވިދާޅުވެ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން، ޓެރަރިޒަމްގެ މިފަދަ އަމަލުތައް، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.
ޗައިނާގައި ސުލްޙަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ރާއްޖެ އިން އަބަދު ވެސް އެއްބާރުލުން ދެމުން ގެންދާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތާލުމަށް ކުރެވެމުންދާ މަސައްކަތުގައި، ރާއްޖެ އިން އަބަދުވެސް ސާބިތުކަމާއެކީ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ، މިކަމުގައި ޗައިނާއަށާއި ބައިނަލްއަގްވާމީ މުޖުތަމަޢަށް ރާއްޖެ އިން ފުރިހަމަ އެބާރުލުންދެމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެ ހާދިސާގައި އެތައް ބަޔަކު މަރުވެ، ޒަަހަމްވެފައިވާތީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ތައުޒިޔާ ވިދާޅުވެފައިވެ އެވެ. އަދި މި ހާދިސާގައި މަރުވި އެންމެންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެ އެވެ.