މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ 197 ދަރިވަރަކު ތަފާތު މާއްދާތަކުން ސައްތައިން ސައްތަ ހޯދައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ އަހަރުގެ އޯލެވެލްގެ ވަގުތީ ނަތީޖާއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަންގެ ނައިބު ޑރ. އަހްމަދު ނަޒީރު ވިދާޅުވީ، އިނގިރޭސިވަލާތުގެ ކެމްބްރިޖް އޯ ލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިން ތަކުގެތެރެއިން 100 މާކްސް ހޯދައިގެން 37 ސްކޫލެއްގެ ދަރިވަރުން އޭ ސްޓާ ހޯދައިފައިވާ ކަމަށެވެ. އޭ ސްޓާއަކީ މިއަހަރު އަލަށް ތައާރަފްކުރެވުނު ގްރޭޑެއް ކަމަށް ވެސް ޑރ.ނަޒީރު ވިދާޅުވި އެވެ.

"މި އަހަރު ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި އޭ ސްޓާސް މި ވަނީ އޯލެވެލްގައި ތައާރަފްކުރެވިފައި. އަޅުގަނޑުމެންގެ ތެރެއިން 197 ދަރިވަރަކު 100 މާކްސް ހޯދައިގެން މި ވަނީ އޭ ސްޓާސް ހޯދާފައި،" ޑރ.ނަޒީރު ވިދާޅުވި އެވެ.

އެކި މާއްދާތަކުން ސަތޭކަ މާކްސް ހޯދާފައިވަނީ މާލޭގެ ސްކޫލްތަކުން 129 ދަރިވަރުންނާއި އަތޮޅުތަކުން 68 ށް ދަރިވަރުންނެވެ.

އަތޮޅުތަކުގެ ތެރެއިން އެކި މާއްދާތަކުން ސަތޭކަ މާކްސް އެންމެ ގިނައިން ހޯދައިފައިވަނީ އައްޑު އަތޮޅު ސްކޫލްތަކުގެ ދަރިވަރުންނެވެ. އެ އަތޮޅުގެ 15 ދަރިވަރަކު ވަނީ 29 މާއްދާއިން ސައްތައިން ސައްތަ ހޯދައިފަ އެވެ. ސަތޭކަ މާކްސް ހޯދި 14 ދަރިވަރުންނާއެކު ފުވައްމުލައް ދެވަނައިގައި އޮތްއިރު ތިން ވަނަ އަށް އެންމެ ގިނަ ދަރިވަރުން 100 މާކްސް ހޯދައިފައިވަނީ ބ. އަތޮޅުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިދިޔަ އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ރާއްޖޭގެ 180 ސެންޓަރަކުން 6920 ދަރިވަރުން ބައިވެރިވިއިރު އޭގެ ތެރެއިން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް 35 ޕަސަންޓަށް އަރައިފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލައިރު ތިން ޕަސަންޓުގެ ކުރިއެރުމެކެވެ.
މީގެ އިތުރުން ޔޫ ގްރޭޑް ހޯދި ދަރިވަރުންގެ އަދަދުވެސް ވަނީ 2009 ވަނަ އަހަރަށްވުރެ ހަތަރު ޕަސަންޓު ދަށްކުރެވިފައި ކަމަށް ވެސް ޑރ. ނަޒީރު ވިދާޅުވި އެވެ.

"ޔޫ ގްރޭޑްއަކީ ހަގީގަތުގައި މިނިސްޓްރީން އުފުލަން ޖެހޭ ވަރަށް ބޮޑު ޚަރަދެއް. 2009 ވަނަ އަހަރު 19 ޕަސަންޓް ޔޫ.ގްރޭޑް ހޯދި. އެކަމަކު މިފަހަރު ޔޫ ގްރޭޑް ހޯދި ނިސްބަތް އޮތީ 16 ޕަސަންޓަށް ދަށްކުރެވިފައި،" ޑރ.ނަޒީރު ވިދާޅުވި އެވެ.

ޑރ.ނަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ފަސް މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 60 ޕަސަންޓަށް އިތުރުކުރުން ކަމަށާއި އެގޮތުން މިދިޔަ އަހަރު ބައެއް ސްކޫލްތަކުން އެ ނަތީޖާ ހޯދައިފައިވާ ކަމަށެވެ. އެގޮތުން ސްކޫލްތަކުގެ ނަތީޖާ އަށް ބަލާއިރު، 63 ސްކޫލަކުން 50 ޕަސެންޓަށް ވުރެ ގިނަ ކުދިން ވަނީ ތިން މާއްދާއިން ފާސްވެފައި ކަމަށާއި 15 ސްކޫލެއްގެ 60 ޕަސެންޓު ދަރިވަރުން ވަނީ ފަސް މާއްދާ އިން ފާސްވެފައި ކަމަށް ވެސް ޑރ.ނަޒީރު ވިދާޅުވި އެވެ.

ނަމަވެސް ޑރ. ނަޒީރު ވިދާޅުވީ، ދިވެހި އިސްލާމުން ފާސްވާ ކުދިންގެ ނިސްބަތް ފާއިތުވި ފަސް އަހަރުތެރޭ ދަށްވަމުންދާ ކަމަށެވެ. މިދިޔަ އަހަރު ދިވެހިން ފާސްވި ކުދިންގެ ނިސްބަތް 2009 ވަނަ އަހަރާ އަޅާބަލާއިރު 14 ޕަސަންޓު އިތުރުވި ނަމަވެސް، މިދިޔަ އަހަރު އިސްލާމް ޓެސްޓް ހެދި ދަރިވަރުންގެ 50 އިންސައްތަ ވެސް އެ މާއްދާއިން ފާސްވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާމުން ފާސްވި ނިސްބަތް އުޅެނީ 47.1 ގައި. މީގެން ގާތްގަނޑަކަށް 1.5 ޕަސަންޓު މަދުކުރީމަ މިދިޔަ އަހަރުގެ ނިސްބަތް އެނގޭނެ،" ޑރ.ނަޒީރު ވިދާޅުވި އެވެ.

އިސްލާމް ދިވެހިން ދަރިވަރުން ދަށްވާ މައިގަނޑު ސަބަބެއް ކަމަށް ޑރ. ނަޒީރު ވިދާޅުވަނީ، އެ މާއްދާތަކުން ފެންވަރު ރަނގަޅު ޓީޗަރުން ނުލިބުމެވެ. "އަދިވެސް ވަރަށް ގިނަ ރަށްރަށުގައި ޓްރެއިންކޮށްފައި ތިބި ޓީޗަރުން ނެތް އިސްލާމް ދިވެއްސަށް. ޑިގްރީ ހައްދަވައިފަ ނުކުންނަވައިފަ ގިނަ ބޭފުޅުން މާލޭގެ ބޮޑެތި ސެންޓަރުތަކުގައި މި ތިއްބަވަނީ. އެކަމަކު އަޅުގަނޑުމެންގެ 216 ސްކޫލް މިހުންނަނީ ހުރިހާ ރަށަކަށް ބެހިފައި،" ޑރ.ނަޒީރު ވިދާޅުވި އެވެ. އަދި ބޭރުގެ އިމްތިހާނުތަކަށް ލިބޭ ވަރަށް އެކި ރިސޯސަސް ނުވަތަ މައުލޫމާތު ދިވެހި އިސްލާމްގެ މާއްދާތަކުން ފަސޭހައިން ލިބެން ނެތުމަކީވެސް ނަތީޖާ ދަށްވުމުގެ ސަބަބެއް ކަމަށް ޑރ.ނަޒީރު ވިދާޅުވި އެވެ.

އެޑިއުކޭޝަނުން ބުނި ގޮތުގައި، ވަގުތީ ނަތީޖާއަށް ބަލާއިރު 2010 ގެ ރާއްޖޭގެ އޯލެވެލް ޓޮޕް ޓެން އަށް އަރާ ދަރިވަރުންގެ އަދަދު އުޅެނީ 330 ގަ އެވެ. ނަމަވެސް 2009 ވަނަ އަހަރު އެ އަދަދު އުޅުނީ 340 އަށް ވުރެ މަތީގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، 2009 ވަނަ އަހަރާ އަޅާބަލާއިރު 2010 ވަނަ އަހަރު 100 ސްކޫލަކުން ވަނީ ނަތީޖާ ރަނގަޅުކޮށްފަ އެވެ. އެއީ ޓީޗަރުންގެ ފެންވަރު މަތިކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި، ސްކޫލް ބޯޑުތައް އައްޔަންކޮށް، ސްކޫލްގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރަށް އުނގަންނައިދިނުމުގެ ހުނަރުތައް ޓީޗަރުންނަށާއި އަދި ޕްރިންސިޕަލުންނަށް ދަސްކޮށްދިނުމަށް މިނިސްޓްރީން ކޮށްފައިވާ ބުރަ މަސައްކަތުގެ ސަބަބުން ނިކުތް ނަތީޖާއެއް ކަމަށް ވެސް އެޑިއުކޭޝަނުން ބުނެ އެވެ.