ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ފަޚުރުވެރި އެއް އެވޯޑް ކަމަށްވާ ފީފާ ބެލެންޑޯ އެވޯޑަށާއި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މިފަހަރު ވާދަ ކުރާ ފުޓްބޯޅަ ކުޅުންތެރިންގެ ނަންތައް ފީފާ އިން އިއުލާނު ކޮށްފިއެވެ.

ބެލެންޑޯ އެވޯޑަށް މިފަހަރު ނޮމިނޭޓް ވެފައިވާ ކުޅުންތެރިންނަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލައޮނަލް މެސީ އަދި ޖަރުމަނުގެ މެނުއެލް ނޯޔާ އެވެ. މި އެވޯޑް މެސީ މީގެ ކުރިން ހަތަރު ފަހަރު ކާމިޔާބު ކޮށްފައި ވާއިރު، މިދިޔަ އަހަރު އޭނާއަށް ވަނީ މި އެވޯޑް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2009 ވަނަ އަހަރާއި 2011 ވަނަ އަހަރު އަދި 2012 ވަނަ އަހަރުފައި ވެސް ހޯދި މެސީ ވަނީ މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހާސިލްކޮށްފައެވެ.

ބެލެންޑޯ އެވޯޑު ހަތަރު ފަހަރު މީގެކުރިން ހާސިލް ކުރި މެސީ ---- ފޮޓޯ: އޭޕީ
މި އެވޯޑަށް ނޮމިނޭޓްވި ދެވަނަ ކުޅުންތެރިޔާ ކަމަށްވާ ޖަރުމަނުގެ ނޯޔާ އަކީ މި އެވޯޑަށް މުޅިން އަލަށް ނޮމިނޭޓްވި ފަރާތެކެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ނޯޔާ ވަނީ 2011 ވަނަ އަހަރާއި 2014 ވަނަ އަހަރު ޖާމަނީގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. އަދި މީގެ އިތުރުން އޭނާ ވަނީ ފީފާ ވޯލްޑް ކަޕް އޯލްސްޓާ ޓީމާއި ފީފާ ވޯލްޑް ކަޕް ޑްރީމް ޓީމުގައިވެސް މިފަހަރު ހިމެނިފައެވެ.
މިފަހަރުގެ ވޯލްޑްކަޕްގައި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ނޯޔާ ---- ފޮޓޯ: އީއެސްޕީއެން އެފްސީ
މި އެވޯޑަށް ނޮމިނޭޓް ވެފައިވާ ކުޅުންތެރިންތަކުގެ ތެރެއިން ޕޯޗުގަލް ގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި އެވޯޑް މިދިޔަ އަހަރު ކާމިޔާބު ކޮށްފައެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2008 ވަނަ އަހަރު ހާސިލް ކުރި ރޮނާލްޑޯ ވަނީ މިފަހަރުގެ ޔޫރަޕްގެ ލީގުތަކުގައިވެސް ގިނަ ވަނަތަކެއް ހާސިލް ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ގޯލްސްކޯރާގެ މަގާމްވެސް ހާސިލް ކޮށްފައެވެ.
މިދިޔަ އަހަރުގެ ބެލެންޑޯ އެވޯޑު ހޯދި ރޮނާލްޑޯ ---- ފޮޓޯ: އޭޕީ
މިފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓް ވެފައިވާ ކުޅުންތެރިންނަކީ ޖަރުމަނުގެ ނަޑީން ކެސްލަރ އާއި ބްރެޒިލްގެ މާތާ އަދި އެމެރިކާގެ އެބީ ވެމްބެކް އެވެ. މާތާ މީގެ ކުރިން ފަސް ފަހަރު މި މަގާމް ހާސިލް ކޮށްފައިވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން އޭނާ ވަނީ ދުނިޔޭގެ ދެވަނަ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ތިން ފަހަރަށް ހާސިލް ކޮށްފައެވެ.
ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މާތާ ---
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓް ވެފައިވާ އަނެއް ދެ ކުޅުންތެރިންނަށް ބަލާލާއިރު، ޖަރުމަނުގެ ނަޑީލް ކެސްލާ އަކީ 2010 ވަނަ އަހަރު ޖާމަނީއަށް އޭނާގެ ފުރަތަމަ ބައިނަލްއަގްވާމީ މެޗު ކުޅެދިން ކުޅުންތެރިއެކެވެ. އަދި މީގެ އިތުރުން އޭނާ ވަނީ 2014 ވަނަ އަހަރު ޔޫއެފާއިން ދޭ ޔޫރަޕްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމްވެސް ހާސިލް ކޮށްފައެއެވެ.
މިފަހަރު ޔޫރަޕްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް ހޯދި ކެސްލާ (މެދުގައި) ---- ސަން ފޮޓޯ: އޭޕީ
މި އެވޯޑަށް ނޮމިނޭޓް ވެފައިވާ ތިންވަނަ ކުޅުންތެރިޔާ، އެމެރިކާގެ އެބީ ވެންބެކް އަކީ ހަ ފަހަރު އެމެރިކާގެ އެންމެ މޮޅު އަންހެން ފުޓްބޮޅަ ކުޅުންތެރިޔާގެ މަގާމް ހާސިލްކޮސްފައިވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން އޭނާ ވަނީ 2012 ވަނަ އަހަރުވެސް ފީފާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލް ކޮސްފައެވެ.
އެމެރިކާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް ހަ ފަހަރަށް ހޯދި ވެމްބެކް --- ސަން ފޮޓޯ: އޭޕީ
ފީފާ ބެލެންޑޯ އެވޯޑަކީ އަހަރުގެ ތެރޭގައި މުޅި ދުނިޔެއިން ފާހަގަ ކޮށްލެވޭ އެންމެ މޮޅު ފިރެހެން ފުޓްބޯޅަ ކުޅުންތެރިޔާއަށް ދެވޭ އެވޯޑެކެވެ. މި އެވޯޑް ފުރަތަމަ ދޭން ފަށާފައި ވަނީ 2010 ގައި ފްރާންސްގެ ބެލެންޑޯ އެވޮޑާއި ފީފާގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެއްކޮށްލުމަށްފަހު ބެލެންޑޯ އަށް މި ދެ އެވޯޑުގެ ނަން ބަދަލުކުރުމުންނެވެ. އަދި މިހާރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަކީ ހަމައެކަނި އަންހެން ކުޅުންތެރިންނަށް ޚާއްސަކޮށްފައިވާ މަގާމެކެވެ.