މުއާސަލާތީ ކުންފުނި، ދިރާގުން ފޯޖީ ނެޓްވޯކް ރާއްޖެއަށް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ހދ. ކުޅުދުއްފުއްޓަށް ފޯޖީ އެލްޓީއީ ނެޓްވޯކް ތައާރަފުކޮށްފި އެވެ.

ޓެސްޓުކުރުމަށް ފަހު ފުލް ސްޕީޑްގައި ލައިވްކޮށް ބޭނުންކުރެވޭ ގޮތަށް، މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށަކަށް ދިރާގުން ފޯޖީ ނެޓްވޯކް ތައާރަފުކުރި މިއީ ތިންވަނަ ރަށެވެ.

ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްލާއިލް ރަޝީދު ވިދާޅުވީ މިހާރު ދިރާގުގެ މޮބައިލް ނެޓްވޯކް ވާނީ އަޕްޑޭޓްކޮށް ތްރީޖީ ސްޕީޑް އެތައްގުނައެއް ރަނގަޅުކޮށްފައި ކަމަށެވެ. އެގޮތުން ޒަމާނީ ފޯޖީ ނެޓްވޯކެއް ގާއިމްކޮށް ތްރީޖީ ސްޕީޑުގެ 10 ގުނަ ހަލުވި ސްޕީޑް ދިރާގު އެލްޓީއީ ނެޓްވޯކް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތުގައި ހޯދުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ ޚިދުމަތް ރާއްޖޭގެ އެހެން ކަންކޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ވެސް ފޯޖީ ނެޓްވޯކްގެ ޚިދުމަތްދޭން ފަށާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

މާލޭ ފިޔަވައި ދިރާގުން ވަނީ މިދިޔަ ނޮވެމްބަރު މަސް ތެރޭގައި ގއ. ވިލިގިއްޔާއި ގދ. ތިނަދޫ އަށް ފޯޖީ އެލްޓީއީ ނެޓްވޯކް ތައާރަފްކޮށްފަ އެވެ.