ފޯޖީ ނެޓްވޯކަށް ހާއްސަކޮށް ދިރާގުން "ޔޫސިމް"ގެ ނަމުގައި ތައާރަފުކޮށްފައިވާ ސިމްކާޑު، ކަސްޓަމަރުންނަށް "ހިލޭ" ދޫކުރުމުގެ މުއްދަތު އެ ކުންފުނިން ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ޔޫސިމް އަކީ ދިރާގުން ފޯޖީ އެލްޓީއީ ނެޓްވޯކް ތައާރަފުކުރުމުގެ މަޝްރޫއު ފެށުމާ ގުޅިގެން އެ ނެޓްވޯކް ބޭނުންކުރުމަށް ހާއްސަކޮށް ދޫކުރަމުން އަންނަ ސިމް އެކެވެ. ކުރީގެ ސިމްކާޑު ފޯޖީ ސިމްއަކަށް ސްވިޗްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދޫކުރަމުން އަންނަ އެ ސިމްކާޑުގައި ޖުމްލަ ތިން ސިމް ޓްރޭއެއް އެކުލެވިގެންވެ އެވެ.

އެގޮތުން ޒަމާނީ ސިމް ޓެކްނޮލޮޖީގެ އެހީގައި ރާއްޖެ އަށް އަލަށް ތައާރަފުކޮށްފައިވާ އެ ސިމްކާޑުގައި މައިކްރޯ ސިމް އަކާއި ނެނޯ ސިމް އެއް ކަސްޓަމަރުންނަށް ދޫކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ ޔޫސިމް ހިލޭ ދޫކުރުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައި ވަނީ ފޯޖީ ނެޓްވޯކާ އެކު ކަސްޓަމަރުންގެ ޑިމާންޑް ބޮޑުވެ، އެ ސިމް ހޯދަން ގިނަ ކަސްޓަމަރުންތަކެއް އެދެމުން އަންނާތީ ކަމަށެވެ.

ހަލުވި ސްޕީޑްގައި އިންޓަނެޓް ބޭނުން ކުރުމަށް ހާއްސަ ފޯޖީ އެލްޓީއީ ނެޓްވޯކް ދިރާގުން މިހާރު ވަނީ މާލެ ފިޔަވައި ރާއްޖޭގެ އިތުރު ތިން ސަރަހައްދަކަށް ދޫކޮށްފަ އެވެ.