02 Dec 2014, 13:43
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަދަދު މަދުކުރަން ހުށަހެޅި ބިލް ބަލައިގެންފި
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދު ކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ސަރުކާރު ހިންގާ ޕީޕީއެމް މެމްބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމަށް ކޯޓުތަކުގެ ގާނޫނަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް (މަވޯޓާ) ހުށަހެޅުއްވި އިސްލާހުގެ ބިލް މަޖިލީހަށް ބަލައިގަތީ 43 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް 22 މެމްބަރަކު ވޯޓު ދެއްވި އެވެ.
ޝަރީފު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދު ކުރުމަށެވެ. އެ އިސްލާހުގައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަސް ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ހައި ކޯޓުގެ ދެ ގޮފި ގާއިމް ކުރަން ޖެހެ އެވެ. އަދި އެ ސަރަހައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވާނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި ހައި ކޯޓުގެ ގޮފިތައް ގާއިމް ކުރާނެ ސަރަހައްދުތަކަކީ ކޮބައިކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ. އަދި ހައި ކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ ވެސް ސުޕްރީމް ކޯޓުގެ ޒިންމާއެކެވެ.
ޝަރީފުގެ އިސްލާހަށް ތާއީދު ކުރައްވައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ހުރިހާ މެމްބަރުން ވެސް އެ ބިލަށް ތާއީދު ކުރައްވަ އެވެ.
މަރަދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އިސްލާހަށް އެމްޑީޕީން ތާއިދެއް ނުކުރެ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވީ ޝަރީފް ހުށަހެޅުއްވި ބިލަށް ތާއީދު ނުކުރަން ނިންމާފައި ވަނީ އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން އެ އިސްލާހަށް ތާއީދު ނުކުރެއްވި ނަމަވެސް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަނީ އެ އިސްލާހަށް ތާއީދުކޮށް ވާހަކަފުޅުދައްކަވާފަ އެވެ.