މީހުން ހައްޖަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މަލީޝާ އާއި ފަތުހު ޖަމާއަތުގެ މީހުން ހައްޖަށް ފޮނުވުމަށް ޖުމުލަ 9.7 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަހީމް ވިދާޅުވީ އެ ޖަމާއަތްތަކުގެ ސަބަބުން ހިތާމަވެރި ހާލަތްތައް މެދުވެރިވި އާއިލާތަކަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ. އެގޮތުން މަލީޝާ ހައްޖު ގްރޫޕުގެ ޝިކާރައަކަށްވި ފަރާތްތައް ސަރުކާރުގެ ހަރަދުގައާއި އަދި ހެޔޮ އެދޭ ފަރާތްތަކުގެ ހަރަދުގައި ހައްޖަށް ފޮނުވާފައިވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އަދި ހައްޖަށް ނުފޮނުވި ތިބި މީހުން ވެސް ހައްޖަށް ފޮނުވުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

"ހައްޖުގެ އަޅުކަން ފަދަ މަތިވެރި އަޅުކަމެއް އަދާކުރުމަށް އުޅުމުގެ ހިތާމަވެރިކަން ތަހައްމަލު ކުރަންޖެހިފައިވާ ފަރާތްތަކުގެ ހިތްތަކަށް އުފާވެރިކަން ހޯދައި ދިނުމަކީ ސަރުކާރުގެ މުހިއްމު އަޒުމެއް." މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ނުލިބެނީސް ގަވާއިދާ ހިލާފަށް މީހުން އަތުން ފައިސާ ނަގާފައިވާ މަލީޝާ ހައްޖު ގްރޫޕުގެ މީހުން ހައްޖަށް ފޮނުވުމަށް 2012 ވަނަ އަހަރު ތިން މިލިއަން ރުފިޔާ ހަރަދުވި ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި މި އަހަރު ފަތުހު ގްރޫޕުގެ މީހުން ހައްޖަށް ފޮނުވުމަށް 6.7 މިލިއަން ރުފިޔާ ހަރަދުކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހަރަދު ކުރި ފައިސާ އަކީ އެ ޖަމާއަތްތަކުން އަނބުރާ ހޯދާ ގޮތަށް، ރައްޔިތުންނަށް ހާއްސަ ހާލަތެއް މެދުވެރިވެގެން ހަރަދުކުރި ފައިސާއެއް. މިހެން ކަމުން މި ފައިސާ ދައުލަތަށް އަނބުރާ ހޯދުމުގައި ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ބަންޑާރަ ނައިބުގެ އޮފީހާ ގުޅިގެން މިދަނީ ކުރަމުން."

މިނިސްޓަރު ވިދާޅުވީ އެފަދަ ކަންކަމަކީ އަލަށް ދިމާވި ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން ދިމާވަނީ އެއްގޮތަކަށް ވެސް ސަރުކާރުގެ އިހުމާލެއް އޮވެގެން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ އެފަދަ ކަންކަން ހިނގަމުން ދަނީ އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅާފައިވާ އިސްލާހުތަކާ ހިލާފަށް ބައެއް ޖަމާއަތްތަކުން ކަންކަން ކުރަމުންދާތީ ކަމަށެވެ.