މާފުށީ ޖަލުގައި ތިބި ގައިދީންތަކެއް ހަމަލާދިނުމުން ޒަޚަމްވި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަސް އޮފިސަރުންނަށް ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗުން ދޫކޮށްލައިފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ ފަސް އޮފިސަރުންނަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައި ވަނީ ރޭ އެކި ވަގުތުތަކުގައި ކަމަށެވެ.

މާފުށީ ޖަލުގެ ޔުނިޓު 3 ގައި ގައިދީން ހަމަނުޖެހުން ހިންގައި ކަރެކްޝަނަލް ސާވިސްގެ ދެ އޮފިސަރެއްގެ ބޯ ވަނީ ފަޅާލާފައެވެ. އަދި އިތުރު ތިން އޮފިސަރަކަށް އިތުރު އަނިޔާތަކެއް ވަނީ ލިބިފައެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ ރޭ 10:00 އެހައިކަންހާއިރު މާފުށީ ޖަލުގެ ޔުނިޓު 3 ގެ މާސްޓާ ނެގުމަށްޓަކައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ދިޔުމުން ގައިދީން ހަމަނުޖެހުން ހިންގައި އެކަމަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުރު އޮފިސަރުންތަކެއް އެތަނަށް ވަނުމުން އެ އެންމެންނާ މެދު ގައިދީން މާރާމާރީ ހިންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.