02 Dec 2014, 12:49
ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ "ކޮންމެ ދިވެއްސަކަށް މުސްހަފެއް" ހަދިޔާ ކުރުމުގެ މަޝްރޫއަށް މުއާސަލާތީ ކުންފުނި، ދިރާގުން 308،400 ރުފިޔާ ހަދިޔާކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެހީއާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ މުސްހަފް ޗާޕްކުރުމުގެ މަޝްރޫއަކީ މި ސަރުކާރުން ކުރިއަށްގެންދަވާ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި މަޝްރޫއެއް ކަމަށެވެ. އެގޮތުން ގުރުއާނާ ގުޅޭ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަވާތީ އެކަމަށް އިސްމާއިލް ޝުކުރު އަދާކުރެއްވި އެވެ.
މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ މިއަދު ދިރާގުން ކުރެއްވި ހަދިޔާ އަކީ މުސްހަފު މަޝްރޫއަށް މިހާތަނަށް ކުންފުންޏަކުން ދިން އެންމެ ބޮޑު ހަދިޔާ ކަމަށާއި އެކަމަށް ޓަކައި ދިރާގުގެ އެންމެހާ މުއައްޒަފުންނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ދިވެހިރާއްޖެ އަށް ހާއްސަ މުސްހަފެއް ޗާޕްކުރުމަކީ އެ މިނިސްޓްރީން ވަރަށްބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އެގޮތުން ބަހްރެއިންގެ ގުރުއާންކެއާ ސޮސައިޓީއާ ގުޅިގެން ކުރިއަށްގެންދާ އެ މަޝްރުއަކީ ދިވެހިރާއްޖެ އަށް ލިބޭނެ ވަރަށްބޮޑު ޝަރަފެއްކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހު 26 ވަނަ ދުވަހު 18 ކުންފުންޏަކުން ވަނީ އެ މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ޑރ. ޝަހީމް ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން މުސްހަފްތައް ޗާޕްކޮށް ނިންމާލައި މުސްހަފްތައް ނެރުން ކަމަށެވެ.