ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އަތޮޅުތަކުގެ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން މ. އަތޮޅު ރަށްތަކުގެ މެދުގައި ބާއްވާ ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

މި މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅެފައި ވާއިރު، ހޮނިހިރު ދުވަހު ހަވީރު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މަޑުއްވަރީ ޒުވާނުންގެ ޖީލާއި ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާއެވެ. އެ މެޗު 1-1 ގެ ނަތީޖާއަކުން އެއްވެރު ވިއިރު، މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަޑުއްވަރީ ޓީމްގެ ޝަމީމް އަލީ އެވެ.

އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ މުލީ އެކުވެރިންގެ ދިރުމާއި ވޭވަށު އެކުވެރިންގެ ގުޅުމެވެ. އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ވޭވަށު އެކުވެރިންގެ ގުޅުމެވެ. އަދި އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޭވަށު ޓީމުގެ ޝަޒީމް ހަސަން އެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެއްސި ނަމަވެސް ވިއްސާރައިގެ ސަބަބުން މުބާރާތް ފަށަން ކަނޑައެޅި ތާރީޚުގައި ފެށޭގޮތް ވަނީ ނުވެފައެވެ. އެހެންކަމުން މުބާރާތުގެ ތާވަލަށް ގެނައި ބަދަލުތަކާއެކު، މިހާރު މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި މިފަހަރު ޖުމްލަ ހަތް ރަށަކުން ނުވަ ޓީމެއް ބައިވެރިވެފައި ވާއިރު، ދިއްގަރު ފިޔަވައި މ. އަތޮޅުގެ ހުރިހާ ރަށަކުންވެސް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މުލަކާއި މުލިން މި މުބާރާތުގައި ބައިވެރިވެފައިވާއިރު، އެއިން ކޮންމެ ރަށަކުން މި މުބާރާތަށް ދެ ޓީމް ވަނީ ނެރެފައެވެ. އަދި ރަތްމަންދޫ އާއި ވޭވަށާއި ނާލާފުއްޓާއި ކޮޅުފުއްޓާއި މަޑުއްވަރީ ކުރެ ކޮންމެ ރަށަކުން ބައިވެރިވެފައި ވަނީ އެއް ޓީމެވެ.

ގްރޫޕް އުސޫލުން ޓީމްތައް ދެ ގްރޫޕްކަށް ބަހާލައިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުގެ ގްރޫޕް 'އޭ' ގައި ހިމެނޭ ޓީމްތަކަކީ މަޑުއްވަރީ ޒުވާނުންގެ ޖީލާއި ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާގެ އިތުރުން މުލީ އެކުވެރިންގެ ދިރުމާއި ވޭވަށު އެކުވެރިންގެ ގުޅުން އަދި މުލަކު އެކުވެރި ކްލަބް އެވެ. މުބާރާތުގެ ގްރޫޕް 'ބީ' ގައި ހިމެނެނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ އާއި ނާލާފުށީ ޔޫތު ޑިވަލޮޕްމަންޓް އެސޯސިއޭޝަނާއި ރަތްމަންދޫ ޒުވާނުންގެ ޖަމިއްޔާ އަދި މުލީ ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް އެފްއޭއެމުން ދޭ ތަށީގެ އިތުރުން، މ. އަތޮޅު ކައުންސިލުން ދޭ ވާދައިގެ ތައްޓާއި 15،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިގެން ދާނެއެވެ.