މަސްވެރިކަމުގެ ތަމްރީނުދޭ މަރުކަޒުން މަސްވެރިންނަށް ހިންގަން ފަށާ ލޭނު މަސްވެރިކަމުގެ ތަމްރީނު ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެފަދަ ތަމްރީން ކޯހެއް ހިންގަން ފަށަނީ ދިވެހި ރާއްޖޭގެ އިގްތިސާދުގައި މަސްވެރި ކަމުގެ ސިނާޢަތު ހިއްސާ ކުރާ މިންވަރު އިތުރު ކުރުމަށްޓަކައި، ދެމެހެއްޓެނިވި ގޮތުގައި ކުރާ ރީނދޫ އުރަހަ ކަންނެއްޔާއި ލޯ ބޮޑު ކަންނެލީގެ ލޭނުގެ މަސްވެރިކަން ތަޢާރަފް ކުރުމާއި ރާއްޖޭގައި ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ފްލީޓެއް ގާއިމުކުރުމަށް އަމިއްލަ ފަރާތަކަށް މަގު ފަހި ކޮށްދިނުން ކަމަށެވެ.

އެ ތަމްރީނު ޕްރޮގްރާމްގެ ތިޔަރީ ކުލާސް ތައް ހިންގުމަށް ހަމަޖެހިފައި ވަނީ ވިލިމާލޭގައި ހުންނަ މަސްވެރިކަމުގެ ތަމްރީނުދޭ މަރުކަޒުގަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެކޯހުގައި ކިޔަވައި ދެއްވާނީ ރާއްޖޭން ބޭރުގެ ލޭނު މަސްވެރިކަމުގެ ތަޖުރިބާ ކާރު ބޭފުޅެއް ކަމަށެވެ. ފެބްރުއަރީ 13 ގައި ފެށުމަށް ހަމަޖެހިފައިވާ އެކޯހުގައި، ބައިވެރިންނަށް މަސައްކަތް ކުރިއަށްދާ ދުވަސްތަކުގައި ކަނޑައަޅާ ޚައްސަ އެލަވެންސް އެއް ދޭނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށް ފަހު ފެބްރުއަރީ ހަތް ވަނަ ދުވަހުގެ ކުރިން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާ ފައެވެ. އެހެންނަމަވެސް އެ ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިފައިވަނީ ކިތަށް ބައިވެރިންނަށް ކަން ވަނި ސާފުވާ ގޮތް ނުވެފަ އެވެ.