02 Dec 2014, 12:42
ސުނާމީ ކާރިސާއަށް 10 އަހަރު ވެގެންދާއިރު ސިއްހީ ދާއިރާގެ އެންމެން ގުޅިގެން މަސައްކަތް ކުރާނެ ޕްލޭނެއް އެކުލަވައި ލެވިފައި ނުވާ ކަމަށް އެކްޓިން ހެލްތު މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
ސިއްހީ ގޮތުން ކުރިމަތިވާ ކުއްލި ހާލަތްތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައްޔާރުކުރަމުން ޕްލޭނާއި މަސައްކަތުގެ އޮނިގަނޑަށް ކަމާ ބެހޭ ދާއިރާތަކުގެ މަޝްވަރާ ހޯދުމަށް މިއަދު ފެށި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއްވެސް ކަމަކީ ލަސްވުމުން ނުކޮށް ވާނެ ކަމެއް ނޫން ކަމަށެވެ.
" ...މިއަހަރަކީ ސުނާމީ ކާރިސާއަށް 10 އަހަރު ފުރޭ އަހަރު. 26 ވަނަ ދުވަހަކީ އެ ހިތާމަވެރި ހާދިސާއަށް 10 އަހަރު ފުރުން އަޅުގަނޑުމެން ފާހަގަކުރާ ދުވަސް. އެދުވަސް އަޅުގަނޑުމެން ހަނދާނަށް އެބަ ގެންނަން ޖެހޭ. ސިއްހީ ގޮތުން އަޅުގަނޑުމެންނަށް ދިމާވި ދަތި ހާލަތްތައް، އަޅުގަނޑުމެން ތަހައްމަލު ކުރަން ޖެހުނު ދަތި ހާލަތްތައް. މިއަދު 10 އަހަރު ވެގެން ބައްދަލުވުމެއް ބޭއްވިގެން ދާއިރު، އަދި ހަގީގަތަކީ އެކަށީގެންވާ ވަރުގެ، ސިއްހީ ދާއިރާގެ އެންމެން ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލެވިފައެއް ނެތް،" ނާޒިމު ވިދާޅުވި އެވެ.
އަދި ވިދާޅުވީ މިހާރު އެފަދަ ޕްލޭނެއް އެކުލަވައި ލައި ކަމާ ބެހޭ އެންމެހާ ބޭފުޅުންގެ ރައުޔު ހޯދަން ފެށިފައި ކަމަށެވެ.
އެޗްޕީއޭގެ ޕްލޭނުގައި ހިމަނަން އެދިވަޑައިގަންނަވާ ކަންތައްތަކެއް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ބޭރުގެ އެހީއަށް އެދޭނީ ކޮން ކޮން ހާލަތެއްގައި ކަމާއި އެދޭނެ ގޮތް ޕްލޭނާއި އޮނިގަނޑުގައި ހިމެނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އަދި ވިދާޅުވީ ޕްލޭން ވާން ޖެހޭނީ ވަރަށް ސާދާ، މީހުންނަށް ފަސޭހައިން ދެނެގަނެވޭ ފަދަ އެއްޗަކަށް ކަމަށެވެ.
އެޗްޕީއޭގެ އޮނިގަނޑާއި ޕްލޭނަށް މަޝްވަރާ ހޯދުމަށް ސޯލްޓްގައި މިއަދު ފެށި ބައްދަލުވުމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ރާއްޖޭގައި ހަރަކާތްތެރިވާ ޔޫއެންގެ އެޖެންސީތަކާއި ދިވެހި ރެޑްކްރެސެންޓް ސޮސައިޓީއާއި އެމްޑީއެމްސީގެ ފަރާތުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެޗްޕީއޭގެ ޕްލޭން ތައްޔާރުކުރަމުން އަންނަނީ ކުއްލި ހާލަތްތަކާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ބެހޭ ބައިނަލް އަގުވާމީ މާހިރެއް ކަމަށްވާ މޮއިރާ ފަރައްޓާގެ އެހީގަ އެވެ.