ދުރުންދޭ ތައުލީމުގެ ސަބަބުން މީގެ ކުރީގައި ތައުލީމީ ދާއިރާގައި ނުކުރެވޭ އެތައް ކަމެއް ކުރެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވޯކްޝޮޕް އޮން ފޯމިއުލޭޓިން ނޭޝަނަލް ޕޮލިސީ އޮން އޯޕެން ޑިސްޓޭންސް ލާނިން ވޯކްޝަޕް ފައްޓަވަވައި ދެއްވުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގެ ސެމިނާ ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ ފާމަސިސްޓުން ތަމްރީން ކޮށްދިނުމުގައި ވެސް ސަރުކާރުން ގެންގުޅެމުން އަންނަނީ ދުރުންދޭ ތައުލީމުގެ ނިޒާމު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފާމަސިސްޓުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ސަރުކާރުން ދިޔައީ އެކަން ކުރާނެ ގޮތަކާ ދޭތެރޭ ވިސްނަމުން ކަމަށެވެ. ހަމައެއާ އެކު ދުރުންދޭ ތައުލީމުގެ ސަބަބުން ފަސޭހަކަމާ އެކު 500 އަށް ވުރެ ގިނަ ފާމަސިސްޓުންނަށް ކިޔަވާދެވޭ ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ރާއްޖޭގައި ފާމަސިސްޓުން މަދުވެގެން އެމީހުންނަށް ކިޔަވައި ދޭނެ ގޮަތަކާ ދޭތެރޭ ވިސްނަމުން ދަނިކޮށް މިހާރު ޑިސްޓޭންސް މޯޑް ޔޫސްކޮށްގެން ގާތްގަނޑަކަށް، އިރާދަކުރެއްވިޔާ 500 އަށް ވުރެ ގިނައިން ކުދިންނަށް އެބަ ކިޔަވާ ދެވޭ ހަމަ އެންމެ އެދެވިގެންވާ ގޮތުގައި." އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ފެންވަރު ރަނގަޅު ތައުލީމެއް އަތޮޅުތަކުގައި ވެސް ފޯރުކޮށްދިނުމުގެ ގޮތުން ދުނިޔެއާ ގުޅާލުމުގެ ގޮތުން ދުރުންދޭ ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ މި ދަނޑިވަޅަކީ ދުރުންދޭ ތައުލީމު ދިނުމަށް މަތީ ތައުލީމުދޭ މުއައްސަސާތަކުން ތައްޔާރުވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ ދުރުންދޭ ތައުލީމުގެ ނިޒާމަށް އެކަށީގެންވާ ގަވާއިދުތަކާއި ނިޒާމުތައް ހެދުން ކަމަށް އަޒްލީން ވިދާޅުވި އެވެ.

"ދުރުންދޭ ތައުލީމަށް އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ރައުސުލްމާލަކީ ރާއްޖޭގައި މަތީ ތައުލީމުދެއްވާ މުއައްސަސާތައް. އެބޭފުޅުން ނެތް ކަމަށް ވަނީ ނަމަ އަޅުގަނޑުމެންނަކަށް މިކަންކަން ކުރަން ވަރަށް އުނދަގޫވާނެ." އަޒްލީން ވިދާޅުވި އެވެ.

މި ވޯކްޝަޕަށް ފަންޑުކޮށްފައިވާ ކޮމަންވެލްތުން ނެވެ. އަދި މި ވޯކްޝަޕްގައި ރާއްޖޭގައި މަތީ ތައުލީމު ދެއްވާ ހުރިހާ މުއައްސަސާތަކާއި އަދި ރާއްޖޭގެ ނަން މަޝްހޫރު ގިނަ ވިޔަފާރި ކުންފުނިތަކުން ވެސް މި ވޯކްޝަޕްގައި ވަނީ ބައިވެރިވެފައި އެވެ.