ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލާ ހެލްތު މާސްޓާ ޕްލޭންގެ ވޯކުޝޮޕް ފަށައިފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓަލުގައި ތިން ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ވޯކު ޝޮޕްގައި މިއަދު ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ސިއްހީ ހިދުމަތުގެ ގިނަ ކަންތަކެއް މަޑުޖެހިފައިވީ ނަމަވެސް މިހާރު މިވަނީ އެކަންތައްތައް ވަރަށް ބާރަށް ކުރަންފަށާފައި ކަމަށެވެ.

އެގޮތުން ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ ވަނީ ސިއްހީ ދާއިރާ އިން އެކަށީގެންވާ ނަތީޖާތަކެއް ހާސިލު ކުރެވިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ކޮންމެ ރަށަކަށް ޑޮކްޓަރުން ހަމަޖެއްސުމާއި ރާއްޖޭގެ ކުދި ރަށްތަކަށް އެކި ބޭނުންތަކަށް ބޭނުންވާ ސްޕެޝަލިޓީ ޑޮކްޓަރުން ހަމަޖެއްސުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ނިޔަލަށް ވަކި ކަހަލަ ލަނޑުދަނޑިތަކެއް ހާސިލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޑަބްލިޔުއެޗްއޯއާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރިއަށްގެންދާ ވޯކްޝޮޕާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ހެލްތު މާސްޓަރު ޕްލޭނަކީ ކުރިއަށް އޮތް 10 އަހަރަށް އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނާ ހަމައަށް އެމީހުންގެ ސިއްހަތާއި އެމީހުންގެ ރައްކާތެރިކަމާ ވަރަށް މުހިންމު ޕްލޭނެއް ކަމަށެވެ. އަދި އެ ޕްލޭންއަކީ ސިއްހީ ދާއިރާގެ އެންމެ މުހިންމު ޕްލޭނަށް ވާތީ ސަރުކާރުގެ މެނިފެސްޓޯ އާއި ސިއްހީދާއިރާގެ ފަރާތްތަކާއި އެމީހުންގެ ވިސްނުން ހުރި ގޮތް ބެލުމަށް ފަހު މާސްޓަރު ޕްލޭން އެކުލަވާލުމަށް މިނިސްޓްރީގެ ފަރާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.