އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި އިއްޔެ ކުޑަރިކިލު އާއި ކިހާދޫ ބައްދަލުކުރި ގްރޫޕް 'ބީ'ގެ މެޗު 2-1 ގެ ނަތީޖާއަކުން، ސެމީފައިނަލްގެ ފުރަތަމަ ޖާގަ ކިހާދޫ ޓީމް ކަށަވަރުކޮށްފި އެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ލީޑް ނަގާފައި ވަނީ ކިހާދޫ އެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމްގެ ދެ ލަނޑު ވެސް ކާމިޔާބު ކުރި ހުސައިން އީމާން އެވެ. މި މެޗުގައި ކުޑަރިކިލުއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ ފަހު 10 މިނެޓު ތެރޭގައި ކިހާދޫ ކީޕަރަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލިތާ ކުޑަ އިރުކޮޅެއްވީ ފަހުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ އަހުމަދު ހުމައިދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިހާދޫ ޓީމްގެ ހުސައިން އީމާން އެވެ.

މި މެޗުގެ ނަތީޖާއާ އެކު ކިހާދޫ ވަނީ މުޅިއަކު ތިން ޓީމް ހިމެނޭ ގްރޫޕް 'ބީ'ގެ ތާވަލްގެ އެއްވަނަ ހޯދާފަ އެވެ. މި ގްރޫޕްގައި ގޮއިދޫ އާއި ކުޑަރިކިލު ބައްދަލުކުރި ފުރަތަމަ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާ އިރު، ގޮއިދޫ އާއި ކިހާދޫ ބައްދަލުކުރާ ގްރޫޕްގެ އެންމެ ފަހު މެޗު ކުޅެން ހަމަޖެހިފައި ވަނީ މާދަމާ އެވެ.

މި މުބާރާތުގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ގްރޫޕް 'އޭ'ގެ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ދަރަވަންދޫ އާއި ފެހެންދޫ އެވެ. މި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ފެހެންދޫ އެވެ. ހޮނިހިރު ދުވަހު ކުޅުނު ދެވަނަ މެޗުގައި އޭދަފުއްޓާއި ދޮންފަނު ބައްދަލުކުރި އިރު، މި މެޗު އޭދަފުށި ވެސް ކާމިޔާބު ކުރީ 4-2ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގައި މިއަދު ވެސް ގްރޫޕް 'އޭ'ގެ ދެ މެޗެއް ކުޅެން ހަމަޖެހިފައިވާ އިރު، މިއަދު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ދަރަވަންދޫ އާއި އޭދަފުއްޓެވެ. އަދި ދެވަނަ މެޗުގައި ބައްދަލު ކުރާނީ ފެހެންދޫ އާއި ދޮންފަނު އެވެ.

މިއަދު ކުޅޭ ގްރޫޕް 'އޭ'ގެ ދެ މެޗުގެ ނަތީޖާއާ އެކު އެ ގްރޫޕުން ސެމީފައިނަލަށް ދާނެ ފުރަތަމަ ޓީމު ކަށަވަރުވެގެން ދިޔުން އެކަށީގެންވެ އެވެ. ގްރޫޕް 'އޭ' ތާވަލްގެ އެއްވަނަ މަގާމަށް ފެހެންދޫ އާއި އޭދަފުށި ވާދަކުރާއިރު، 'ސަން' އަށް މައުލޫމާތު ލިބިފައިވާ ގޮގައި ނިއުރޭޑިއެންޓުގެ ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒަތު މުހައްމަދު (ހަންޕު) ވަނީ އޭދަފުށީ ޓީމާއި މިހާރު ގުޅިފަ އެވެ.