02 Dec 2014, 10:22
ރަށްފުށުގެ ފެންފަޅަކުން ފެންވަރާލުމަކީ އަރާމުކަމެކެވެ. އެއީވާ އުފަލެކެވެ. ފެން ބިލަށް ވިސްނާލުމެއް ނެތި ހިތް ފުރޭވަރަށް ބޮލުގެ އިސްތަށިތަކުގެ ބުޑަށް ދާނި ބަންޑުންކޮށްލުމަކީ ކޮންމެ ދިވެއްސަކަށް ފިނިކަންލިބޭނެ ކަމެކެވެ. މީރު ވަޅު ފެނުން ފެންވަރާލުމުން ހަށިގަނޑަށް އެ ލިބޭ "އާ ދިރުމަކީ" ދިވެހިންނަށް މާ ތަފްސީލްކޮށް ކިޔައިނުދިނަސް އެނގޭނެ ކަންކަމެވެ. ހަމަގައިމު ވެސް މިއީ އަތޮޅުތެރޭ ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް ލިބޭ ބޮޑު އުފަލެކެވެ. ނަމަވެސް އެއުފާ ނުލިބޭ އެތައް ބަޔަކު ނ. ހޮޅުދޫގައި އެބަދިރިއުޅެ އެވެ.
"މިރަށުގައި ފެން ތަގައްޔަރު ވުމުގެ މައްސަލައަކީ ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެއް، ރަށުގެ ބައެއް ހިސާބުތަކުގައި ފެން ބޭނުން ކުރެވޭ ވަރެއް ވެސް ނޫން،" ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޙަމްދާން ނާސިރު ވިދާޅުވި އެވެ.
ހޮޅުދޫ ގިނަ ރައްޔިތުންގެ ވާހަކަތަކަށް އެނގޭ ގޮތުގައި މި ރަށުގެ ބޮޑު ބަޔަކަށް ވަނީ ފެން ބޭނުން ނުކުރެވޭ ހިސާބަށް ވުރެ ބޮޑަށް ފެން ތަޣައްޔަރުވެފަ އެވެ. އޭގެ އެންމެ ބޮޑު އަސަރުކޮށްފައި ވަނީ މި ރަށު އިރު އުތުރު ސަރަހައްދަށެވެ. އެ ހިސާބާއި މި ރަށުގެ ބައެއް އެހެން ހިސާބުތަކުގެ ވަޅު ފެނުން ނުބައި ވަސް ދުވައި ފެނުގެ ކުލަ ބަދަލުވެފައި ވުމުން ފެންވެރުމަށާއި އެއްޗެތި ދޮވުމަށް ވެސް މި ރަށުގެ ބައެއް ހިސާބުތަކުގައި ފެން ބޭނުން ކުރެވޭ ވަރެއް ނޫނެވެ.
މިރަށަކީ އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށަކަށްވާއިރު ގިނަ ގޭގޭގައި ގިނަ ބަޔަކު ދިރިއުޅެވެ. އެގޭގައި ފެން ބޭނުން ނުކުރެވުމަކީ ލިޔުމަކުން ސިފަކުރެވޭވަރަށްވުރެ ބޮޑު ދައްޗެކެވެ. ނަމަވެސް މިއަދު މި ރަށުގެ ބައެއް ގޭގޭ ހާލަކީއެއީ އެވެ. ގިނަ ގޭގޭގައި ވާރޭ ފެން ރައްކާކޮށްގެން ނޫނީ ގޭގެއިން ފެން ގެނެސްގެން ބޭނުންކުރާއިރު މިކަންވެފައި ވަނީ ބޮޑު ވޭނަކަށެވެ.
"ވަރަށް ބޮޑު ކަމަކަށް ވަނީ ގޭގެއިން ފެންގެންނަން ޖެހުމުން، މިހާރު އެކަމަކާ ހެދި ފެން ވާރުކޮށްލެވޭނެ ގޮތެއް ވެސް ނޯވޭ އެހެން ކަމަށް ވުމުން. އަނެއްކާ ހުރިހާ ކަމަކަށް ފެން ކިހިނެއް ގޭގެއިން ގެންނާނީ،" ހޮޅުދޫ ޒުވާނަކު ބުންޏެވެ.
މިރަށު ރައްޔިތުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ރަށުގެ ފެން ގޯސްވެ ނުބައި ވަސް ދުވަން ފަށާފައި ވަނީ ސުނާމީ ކާރިސާގެ ފަހުންނެވެ. އެ ކާރިސާއަށް ފަހު ބޮޑެތި ބަދަލުތަކެއް ފެނަށް އައުމާއި އާބާދީ ބޮޑުވެ ބިމަށް ފެން ހިންދަންޖެހުމަކީ ވެސް ފެން ތަގައްޔަރުވުމަށް މެދުވެރިވާ ސަބަބެކެވެ.
އިސްވެ ފާހަގަ ކުރި ދަތި އުނދަގޫތަކުގެ ސަބަބުން ނަރުދަމާއެއްގެ ހައްލަކީ މި ރަށުގެ ރައްޔިތުންގެ ބޮޑު އިންތިޒާރެކެވެ. މި ސަރުކާރުން މި ވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވައުދު ފުއްދައި ދިނުމުގެ މަސައްކަތް ފަށައިފަ އެވެ. އެތައް ރައްޔިތުންގެ ދިގު އިންތިޒާރު މިއަދު މި ވަނީ ނިމުމަކަށް އަންނަން ކައިރިވެފަ އެވެ. އެތައް ރެއެއްގެ ނިންޖާއި އެތައް ހާލެއްގައި ފެން އުފުލަށް އުޅުނު ރައްޔިތުންނަށް މި ވަނީ ހަމަނޭވާއެއް ލެވިފަ އެވެ. ހޮޅުދޫ ނަރުދަމާ ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް މިއަދު އިފްތިތާހު ކޮށްދެއްވާނެ އެވެ.
ހޮޅުދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާ އެވެ. މި މަޝްރޫގެ ދަށުން މި ރަށު ހުރިހާ ގެއަކަށް ނަރުދަމާގެ ހިދުމަތް ލިބޭނެ އެވެ.
ދިވެހި ދައުލަތުން 50 މިލިއަން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ މަސައްކަތް ކުރާތާ 15 ވަރަކަށް ދުވަސް ވެފައިވީ ނަމަވެސް ރަސްމީކޮށް މަސައްކަތް ކުރުން އޮތީ މިއަދު އެވެ. މިރަށުގައި ގާއިމް ކުރާ ނަރުދަމާގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށާ އިރު މި މަސައްކަތް ނިންމާލުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މި މަޝްރޫގެ ދަށުން މަގުތަކުގައި ހޮޅިވަޅުލާއި ރަށުގެ އެކި ސަރަހައްދުތަކުގައި ޕަންޕުތައް ގާއިމްކޮށް ކަނޑަށް ނަޖިސް ބޭރުކުރާ އިންތިޒާމް ހަމަޖައްސާނެ އެވެ.
އާއެކެވެ. ހިތްހަމަޖެހޭ ވަރަށް ފެންވަރާނުލެވި ރީތި ފެންފޮދަކުން އެއްޗެތި ނުދޮވެ އުޅުނު ދުވަހަކީ މާޒީ ކަމުގައި ހަދައި އަލުން ބަލުން ފަސޭހަ ދިރިއުޅުމަކަށް ދިއުމުގެ އުންމީދު 2000 މީހުންގެ މި އާބާދީ އިން މިއަދު ކުރެ އެވެ. އެމީހުންގެ މިއަދުގެ އުންމީދަކީ ދާނިން ބޭނުން ވަރަކަށް ފެންވަރާލުމުގެ އުފާލިބުމެވެ. ނަރުދަމާގެ އުފާލިބުމެވެ.