ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުﷲ ގައްޔޫމް ހައްޖުގެ އަޅުކަން އަދާ ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ޔާމިން ހައްޖު ނުކުރައްވާ ކަމަށް އަޑުފަތުރަމުންދަނީ ވެރިކަމުގައި ތިއްބެވިއިރު ހައްޖަށް ވަޑައިނުގެންނެވި ބޭފުޅުން ކަމަށެވެ.

"ތި ވާހަކަތައް [ރައީސުލްޖުމްހޫރިއްޔާ ހައްޖު ނުކުރައްވާ ކަމަށް] ފަތުރަނީ، ވެރިކަމުގައި ހައްޖަން ދާން ބޭނުންވެފައި އެކަމު ހައްޖަށް ނުދެވިފައި ތިބި މީހުން. ރައީސުލްޖުމްހޫރިއްޔާ ހައްޖު ނުކުރައްވާ ކަމަށް ދައްކާ ވާހަކަތަކަކީ ދޮގެއް. އެމަނިކުފާނު ވަނީ ހައްޖު ކުރައްވާފައި. އެމަނިކުފާނު ހައްޖު ކުރެއްވީ އދ. ގެ ޖަލްސާއަކަށް ވަޑައިގަންނަވަން އޮއްވާ އެކަން ކެންސަލް ކުރައްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދަށް ވެރިކަމުގައި ހުންނެވިއިރު ހައްޖަށް ވަޑައިގެންނެވުމަށް ފުރުސަތު ލިބިވަޑައިގެންނެވުމުން، އެކަމާ ވިސްނައިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ހައްޖަށް ފޮނުއްވެވީ ނަޝީދުގެ އަނބިކަނބަލުން އެކަނި ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ރައީސް ޔާމިނާ މެދު އެފަދަ ވާހަކަފުޅުތަކެއް ދެއްކުމަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ ކަންތައްތައް އިތުރަށް ކިޔުމަށް ހުޅުވާލާ "ދޮރެއް" ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އަދި އެފަދަ ވާހަކަތައް ދެއްކުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.