02 Dec 2014, 10:34
ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ތުރުކީއަށް ވަޑައިގެން އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާ ބައްދަލުކުރައްވައިފި އެވެ.
ޕޫޓިން އާއި އުރުދުޣާން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު ދެބޭފުޅުން ނޫސްވެރިނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ދެގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރަމަށް ނިންމަވާފައިވާ ކަމުގަ އެވެ.
ރަޝިޔާއާއި ތުރުކީއަކީ ސީރިޔާގެ މައްސަލާގައި މުޅިން ތަފާތު ދެ ސިޔާސަތެއް ގެންގުޅޭ ދެގައުމެވެ. ސީރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމަށް ރަޝިޔާ އިން އިގްތިސާދީ އަދި އަސްކަރީ އެހީތައްދީ ބައްޝާރުގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން ގެންދާއިރު ތުރުކީއަކީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވެ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ފާޅުގައި ގޮވާލައި އެކަމަށް މަސައްކަތް ކުރަމުން ގެންދާ ގައުމެކެވެ.
މީގެއިތުރުން ޔުކްރޭންގެ ސަރަހައްދެއްގެ ގޮތުގައި ކުރިންއޮތް ކްރައިމިޔާ، ރަޝިޔާގެ އިއްތިޙާދީ ދައުލަތުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ ވެސް ތުރުކީ ދެކޮޅު ހަދާކަމެކެވެ. އަދި ރަޝިޔާގެ ބައެއްގެ ގޮތުގައި މިހާރުއޮތް ކްރައިމިޔާ ސަރަހައްދުގައި ދިރިއުޅޭ ތުރުކީ ދަރިކޮޅުގެ ތަތާރުން ނާމެދު ކްރައިމިޔާގެ ލޯކަލްސަރުކާރުން މުޢާމަލާތްކުރަމުންގެންދާ ގޮތްތަކާމެދު ވެސް ތުރުކީ ފާޑުކިޔަމުންގެންދެ އެވެ. ދެގައުމުގެ ދެމެދުގައި މިޚިލާފްތައް ހުރިކަން ރައީސް ވްލަޑިމޭރު ޕޫޓިންނާއި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް ވަނީ މީޑިޔާއަށް ހާމަކުރައްވާފަ އެވެ. ނަމަވެސް މިޚިލާފުތަކާއި ދެބަސްވުންތަކަށްވުރެ ދެގައުމުގެ އިގްތިސާދީ މަސްލަޙަތުތައް މާބޮޑުކަން ބަޔާންކުރައްވައި ދެބޭފުޅުންވަނީ ދެގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ.
ޕޫޓިންއާއި އުރުދުޣާންގެ މަޝްވަރާތަކަށް ފަހު ރަޝިޔާއާއި ތުރުކީގެ މަސްއޫލުވެރިން ވަނީ 100 ބިލިޔަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ. މިއެއްބަސްވުމުގެ ދަށުން ރަޝިޔާއާއި ތުރުކީއާ ދެމެދު ވިޔަފާރީގެ މުޅިން އައު މަރްހަލާތަކެއް ފެށިގެންދާނެ ކަމަށް ދެބޭފުޅުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޫޓިންނާއި އުރުދުޣާން ވެސް ވިދާޅުވިއެވެ. 100 ބިލިޔަން ޑޮލަރުގެ މިއެއްބަސްވުމުގެ ދަށުން ރަޝިޔާގެ ގުދްރަތީ ގޭސް ތުރުކީއަށް އިންޕޯޓްކުރާ މިންވަރު ދެގުނައަށް އިތުރުވެގެންދާނެ އެވެ. އަދި ތުރުކީގެ ބައެއް އުފެއްދުންތައް ވެސް ރަޝިޔާ އަށް އެކްސްޕޯޓް ކުރުމުގެ އިތުރު ފުރްސަތުތަކެއް ތުރުކީއަށް ތަނަވަސްވެގެންދާނެ އެވެ.
ރަޝިޔާއިން މައިގަނޑު ގޮތެއްގައި ތުރުކީއަށް އެކްސްޕޯޓް ކުރަނީ ތެލާއި ގުދްރަތީ ގޭހުގެ އިތުރުން ބައެއް މެޝިނަރީ އެވެ. ތުރުކީން ރަޝިޔާއަށް އެކްސްޕޯޓް ކުރަނީ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ބާވަތްތަކާއި ތައްޔާރީ ހެދުންފަދަ ބާވަތްތަކެވެ. ޔުކްރޭންގެ މައްސަލާގައި އެމެރިކާއާއި ވިލާތުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް މާލީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާގުޅިގެން ރަޝިޔާ އިން ވަނީ އެމެރިކާއާއި ވިލާތުގެ އިއްތިޙާދުން އެތެރެކުރަމުން ގެންދިޔަ ކާބޯތަކެތީގެ ބާވަތްތައް ވަރަށް ބޮޑަށް މަދުކޮށް ތުރުކީއާއި ބްރަޒީލްފަދަ ގައުމުތަކުން މިތަކެތި އެތެރެ ކުރުމަށް ނިންމާފަ އެވެ.
އެހެންކަމުން ޕޫޓިންގެ ދަތުރުފުޅާ ގުޅިގެން ރަޝިޔާއާއި ތުރުކީން ސޮއިކުރި 100 ބިލިޔަން ޑޮލަރުގެ އިގްތިސާދީ އެއްބަސްވުމާއެކު ރަޝިޔާގެ ކާބޯތަކެތީގެ ބާޒާރު ތުރުކީއަށް ވަރަށްބޮޑަށް ހުޅުވިގެންދާނެތީ މިކަމުގެ ސަބަބުން ތުރުކީއަށް އިގްތިސާދީގޮތުން ބޮޑެތި ފައިދާތަކެއް ޙާސިލް ކުރެވިގެންދާނެ ކަމަށް މުރާސިލުން ބުނެ އެވެ. (އަލްޖަޒީރާ)