02 Dec 2014, 10:39
ލަންޑަން (ޑިސެމްބަރު2): ރަޝިޔާގެ އަސްކަރީ އަދި ޖާސޫސީ މަތިންދާބޯޓުތައް ތަކުރާރުކޮށް އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދަށް ވަންނަމުންދާ ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ފިލިޕް ހާމޮންޑް ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ޕާލަމެންޓްގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން ހާމޮންޑް ވިދާޅުވީ މދިޔަ ހުކުރުދުވަހު ވެސް ރަޝިޔާގެ ޖާސޫސީ ބޯޓެއް އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމުގަ އެވެ. ހާމޮންޑް ވިދާޅުވީ ރަޝިޔާގެ މިއަމަލުތަކަށް ރައްދު ދިނުމަށް އިނގިރޭސި ސަރުކާރުން މަސައްކަތް ކުރަނީ ޔޫރަޕްގެ އިއްތިޙާދުގެ ތެރެއިން ކަމަށާ އިނގިރޭސީން އަމިއްލައަށް ފިޔަވަޅު އެޅުމަށްވުރެ ޔޫރަޕްގެ އިއްތިޙާދު މެދުވެރިކޮށް ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުއެޅުމުން އެކަމުގެ އަސަރު ބޮޑުވާނެ ކަމުގަ އެވެ.
އިނގިރޭސި ދިފާއީ ވުޒާރާ ބުނާ ގޮތުން މިފަހަކަށް އައިސް ރަޝިޔާގެ އަސްކަރީ އަދި ޖާސޫސީ އެތަށް މަތިންދާބޯޓެއް ވަނީ އިނގިރޭސިވިލާތުގެ އިރުމައްޗާއި އުތުރުން އެގައުމުގެ ވައިގެ ސަރަހައްދަށް ހުއްދައަކާނުލައި ވަދެފަ އެވެ. އަދި މިގޮތަށް ރަޝިޔާގެ ބޯޓުތައް ވަންނަ ކޮންމެފަހަރަކު ވެސް އިނގިރޭސި ވައިގެ ސިފައިންގެ މަތިންދާބޯޓުތައް ރަޝިޔާގެ ބޯޓުތަކަށް ހުރަސްއަޅާފައިވާނެ ކަމަށް ވެސް އިނގިރޭސި ދިފާއީ ވުޒާރާ އިން ބުނެ އެވެ. ޔުކްރޭންގެ ދާޚިލީ މައްސަލައިގެ ތެރެއަށް ރަޝިޔާ ވަންނަކަމަށް ބުނެ ޔޫރަޕްގެ އިއްތިޙާދުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ.
މިފިޔަވަޅުތައް އެޅުމާއި ތަންފީޒުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވާ އަދި ކުރަމުން ގެންދާ ގައުމަކީ އިގިރޭސިވިލާތެވެ. މިކަމުގެ ސަބަބުން ރަޝިޔާއާއި އިނގިރޭސިވިލާތާ ދެމެދު ވަނީ ގުޅުންތައް ގޯސްވެފަ އެވެ. (ރޮއިޓާސް)