ދައުލަތުގެ ހަރަދުތައް އެއް އަހަރަށް ވުރެ އަނެއް އަހަރު ބޮޑުވެ އެވެ. މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ކޮންމެ އަހަރަކު ވެސް އެ ވާހަކަތައް ތަކުރާރުކުރެ އެވެ. ނަމަވެސް މާ ބޮޑަކަށް އެކަމަށް އަޅައެއް ނުލަ އެވެ. އެ ވާހަކަ ކޮންމެ މެމްބަރަކު ވެސް ދައްކަނީ "ރޭރުވެ" ތިބެގެންނެވެ. އަމަލުން ސާބިތުކުރެވޭ ކަމަކަަށް އެކަން ނުވެ އެވެ. މަޖިލީހުގެ މެމްބަރުންގެ ކަންބޮޑުވުމަކީ ހަމައެކަނި ބަޔާން ނެރޭ މުއައްސަސާތައް ވުޖޫދުގައި ވުމެވެ. "މަތި ބަރުވަނީ" އެހެންވެގެންނެވެ.

ރަނގަޅު ވާހަކައެކެވެ. ސަރުކާރަށް ފާރަވެރިވާނެ މިނިވަން މުއައްސަސާތައް އުފައްދަންޖެހެ އެވެ. އެފަދަ މުއައްސަސާތައް ވެސް މިހާރު ބައިވަރެވެ. ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކުގެ ތެރެއިން ބައެއް މުއައްސަސާތަކަކީ ހަމައެކަނި ބަސް ބުނަން ތިބޭ ބަޔެކެވެ. ރައްޔިތުންގެ ފައިސާ އިން މުސާރަ އާއި އިނާޔަތްތައް ހޯދާއިރު އާހިރުގައި ރައްޔިތުންނަށް ކުރާ ފައިދާއެއްވޭ ހެއްޔެވެ؟

މަޖިލީހުގެ މެޖޯރިޓީ ޕާޓީ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވާ ގޮތުގައި ތަފާތު ނަންތަކެއް ދީފައިވާ މުއައްސަސާތަކުން ކުރަނީ އެއް މަސައްކަތެކެވެ. ގާނޫނީ ގޮތުން އެ މުއައްސަސާތަކަށް މަތިކޮށްފައިވާ ބާރުތަކުގެ ސަބަބުން، ދުސްތޫރީ ފުށުއައެރުންތައް ގިނަ ކަމަށް އޭނާ ފާހަގަ ކުރެ އެވެ.

"މިނިވަން މުއައްސަސާތަކުގެ އަދަދު އެބަޖެހޭ މަދުވާން. މިސާލަކަށް މީޑިއާ ކައުންސިލް، ހަމަ އޮވެފަ އެބައޮވޭ ހަމަ ސީދާ އެކަންތައް ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނެއް އެބައޮވޭ. އެއް ކަމަކަށް އެއް ކަމެއް މި ކުރެވެނީ. ދެން މީޑިއާ ކައުންސިލުން މިކުރާ ކަމަކީ އެ މީހުން ހުއްދަދެނީ ނޫސްވެރިންނަށް ކަންކަމުގެ ހަރަކާތްތެރިވާން. މި ދެނީވެސް ހަމަ އެ މީހުން މިސާލަކަށް ވަކި ހުއްދައެއް ވަކި ފާހެއް ދޭން. އެހެންވީމަ އެ މީހުން ކުރާ މަސައްކަތުން ބައެއްފަހަރު އެމީހުންގެ މަސްލަހަތު އެބަ ފުށުއަރާ ކަންތައްތައް ވެސް އެބަ ދިމާވޭ،" ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުގައި އެފަދަ މުއައްސަސާތައް އެއްކޮށްލުމުގެ ވާހަކަ ވަރަށް ގިނައިން ދައްކަ އެވެ. ދުސްތޫރީ ހަމަތަކުގެ މަތިން އެކަން ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އުސޫލުން ބޭރުނުވާ ގޮތަށް އެފަދަ ކޮމިޝަންތައް އުވާލައި، ފާރަވެރިވާނެ ރަނގަޅު ނިޒާމެއް ގާއިމް ކުރަންޖެހެ އެވެ. އެއީ ގިނަ މެމްބަރުން އިއްތިފާގުވާ ކަމެކެވެ.

ސަމާލަތީ ބާރުތަކާއި ގައުމުގެ ދޮރޯށިތަކުގައި ތިބޭ ދޮރުވާނުންގެ މަސައްކަތަކަށް ފާރަވެރިވާން އިންޓަގްރިޓީ ކޮމިޝަންތަކެއް ވެސް ހަދާފައި އެބަހުއްޓެވެ. އެފަދަ ދެ ކޮމިޝަނެއް މިހާރު ވެސް ހިނގަމުންދެ އެވެ. އެއީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އާއި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނެވެ. އެ ދެ ކޮމިޝަން އެއްކޮލުމުގެ ވާހަކަ ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނައިން ދެއްކެވި އެވެ. އެ ވާހަކަ އެންމެ ގިނައިން ތަކުރާރު ކުރީ ދައުލަތުގެ މާލިއްޔާގެ ހިސާބު ބަލަހައްޓާ މާލިއްޔަތު ކޮމެޓީގައި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ގޮތުގައި އެ ދެ ކޮމިޝަން އެއްކޮށްލަންޖެހެ އެވެ. އެއީ ދައުލަތުގެ މުވައްޒަފުންގެ މަސައްކަތް ޒިންމާދާރު ކުރާ ކޮމިޝަނެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށް މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވެފައިވެ އެވެ.

ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ތެރެއިން މަސައްކަތުގައި "ބަރުހެލިވެފައި" ތިބޭ ކޮމިޝަންތައް ވެސް ގިނަ އެވެ. އެފަދަ ކޮމިޝަންތައް ނިދިން ހޭލައްވަން ޖެހެ އެވެ. އެ މަސައްކަތް ކުރުމުގެ ޒިންމާ އުފުލަންވީ އެ ކޮމިޝަންތައް އުފައްދި ރައްޔިތުންގެ މަޖިލީހުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެފަދަ ކޮމިޝަންތައް ޖަވާބުދާރީކޮށް، "ދަނޑިމާރު" އަޅުވަންޖެ އެވެ.

އާންމު އިޖުތިމާއީ މިންގަނޑު ހަމައިން ނެއްޓިގެންދާއިރު ވެސް އަޅާނުލައި ތިބޭ ކޮމިޝަންތަކާއި ކުށްވެރިންގެ ދިފާއުގައި "ހޭބޯނާރާ" އުޅޭ ކޮމިޝަންތައް ވެސް ދައުލަތުގައި ސާވާރުވެ އެބަ ތިއްބެވެ. އެފަދަ ކޮމިޝަންތައް ބާރުވެރިކަން ހިންދެމިލަންޖެހެ އެވެ.

އެއް މަސައްކަތެއް ކުރާ މުއައްސަސާތައް އެއްކޮށްލައި ދެތަނެއް އެއް ތަނެއްގެ ގޮތުގައި ހެދުމުން ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބޭނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ބަޖެޓު ރިކަމަންޑޭޝަންއެއްގެ ގޮތުގައި ޕީޕީއެމުން ވަނީ މިނިވަން މުއައްސަސާތައް އެއްކުރުމަށް ތާއީދުކޮށް ރިކަމަންޑޭޝަންއެއް ހުށަހަޅާފައި އެވެ. އަދި އެ ހުށަހެޅުމަށް ވަނީ ބަޖެޓު ކޮމިޓީގެ އަގުލަބިއްޔަތު ލިބިފަ އެވެ. އެ ރިކަމަންޑޭޝަން ބަޖެޓުގައި ހިމެނުނަށް ވޯޓަށް އެހި ބައްދަލުވުމަށް ހާޒިރުވެ ތިއްބެވި 18 މެމްބަރުންގެ ތެރެއިން 13 މެމްބަރުންގެ އެކަމަށް ތާއިދު ކުރި އެވެ.

ޕީޕީއެމުން ހުށަހެޅި ރިކަމަންޑޭޝަންގައި ބުނެފައިވަ ގޮތުގައި އެއް މުއައްސަސާއަކުން ގިނަ ދާއިރާއެއްގެ މަސައްކަތް ހިންގޭ ގޮތަށް ގާނޫނު އަސާސީއާ ގާނޫނުތަކަށް ބަދަލުގެނައުން ހިމެނެ އެވެ. އަދި އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން ސަރުކާރުން އެ އިންތިޒާމްތައް ހަމަޖައްސާ މަޖިލީހަށް ހުށަހަޅަން ލާޒިމްކޮށްފައިވެ އެވެ.

މަސްއޫލިއްޔަތު އަދާ ނުކުރާ ކޮމިޝަންތައް ނިދިން ހޭލައްވަންޖެހެ އެވެ. މަސައްކަތުގައި ބުރަކިޖެހިފައިވާ ކޮމިޝަންތައް އޯވަހޯލް ކުރަންޖެހެ އެވެ. ޒިންމާއިން މިނިވަންވެފައިވާ ކޮމިޝަންތައް ބަދަލު ގެންނަންޖެހެ އެވެ. އެކަން ކުރުމަށް މަޖިލީހުގެ މެމްބަރުން ޒިންމާއިން ރެކިގެން ނުވާނެ އެވެ.