މިދިޔަ ހަފުތާގައި 12 މީހުންނާއެކު ކަންނެއްޔަށް ދިޔަ ގޮތަށް ޚަބަރެއް ނުވެގެން އެމްއެންޑީއެފުން ހޯދަމުން ދިޔަ އައްޑު އަތޮޅު ހިތަދޫ "ފީރޯޒް 2" ދޯންޏާ ގުޅިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ 10:30 ހާއިރު ދޯނީގެ ވެރިފަރާތާ އެ ދޯނިން ގުޅާފައިވާ ކަމަށާއި 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ދޯންޏާ ގުޅުނު އިރު އެ ދޯނި އޮތީ ބ. އަތޮޅުގައި ކަމަށް ދޯނިން ބުނެފައިވާ ކަމަށް ވެސް ދޯނީގެ ވެރިފަރާތާ ހަވާލާދީ އޮފިޝަލު ވިދާޅުވި އެވެ.

މިދިއަ ބުދަ ދުވަހު ކަންނެލި މަސްވެރި ކަމަށް ފީރޯޒް ދޭއް، ނުކުތީ ހއ. އަތޮޅާއި ހދ. އަތޮޅުގެ ސަރަހައްދަށެވެ. އަދި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހަވީރު ދޯންޏަށް ތެޔޮ އެޅުމަށްޓަކައި ހދ.އަތޮޅަށް ވަނުމަށްފަހު، މަހަށް ފުރާނެކަމަށް ވެރިފަރާތަށް ވަނީ އަންގާފަ އެވެ.