އިރާގާއި ސޫރިޔާ އިން ބައެއް ކޮންޓްރޯލްކުރާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އަމާޒުތަކަށް ބޮން އެޅުމަށް އުރުދުން އިން ފުރި އެމެރިކާގެ މަތިންދާބޯޓެއް ވެއްޓި ޕައިލޮޓް މަރުވެއްޖެ އެވެ. އޭނާއަކީ އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މަރުވި އެމެރިކާގެ ތިން ވަނަ މީހާ އެވެ.

އެމެރިކާ މީހުންނާ ހަވާލާދީ ނެދަލޭންޑްސްގެ ބީއެންއޯ ނޫހުން ބުނީ އެމެރިކާގެ އެފް-16 މަރުކާގެ މަތިންދާބޯޓް ވެއްޓުނީ އުރުދުންގައިވާ އެއާބޭހަކުން ނައްޓައިލި ތަނާ ކަމަށެވެ. އަދި ބުނީ އެހާދިސާ ހިނގީ އިއްޔެ ހެނދުނު އުރުދުން ގަޑިން ގާތްގަނޑަކަށް 6.00 އެހާކަށް ހާއިރު ކަމަށެވެ.

އެމެރިކާ މީހުން ބުނެފައި ވަނީ ބޯޓް ވެއްޓުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

"... މަތިންދާބޯޓް ވެއްޓުނީ އުދުއްސާލިތާ ކުޑަ އިރުކޮޅެއް ފަހުން މެދުއިރުމަތީގައިވާ އެއާބޭހަށް އެނބުރި އަންނަނިކޮށެވެ. ކުއްލި ހާލަތުގައި އެހީތެރިވާނެ މީހުން އޭރު ތައްޔާރަށް ތިއްބެވެ. އެ ހާދިސާ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ،" އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ކުރު ބަޔާނެއްގައިވެ އެވެ.

އެ ހާދިސާ ހިނގީ އުރުދުންގައި ކަމަށް އެމެރިކާއިން އެއްބަސްވެފައެއް ނުވެއެވެ. ނަމަވެސް އެހެން ސޯސްތަކުން ބީއެންއޯ ނޫހަށް އެކަން އެނގިފައިވާ ކަމަށް އެނޫހުން ބުންޏެވެ.

އިސްލާމިކް ސްޓޭޓާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ އިއްތިހާދުގައި ބައިވެރިވެ، އުރުދުން އިން ވަނީ އެގައުމުގެ އެއާބޭސްތައް ހުޅުވާލާފަ އެވެ.