އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި ވަޒީފާ އަދާކުރާ ދިވެހީން ވަކިކޮށް، ގިނަ އަދަދެއްގެ ބިދޭސީންނަށް ވަޒީފާދޭ ކަމަށް ބުނެ ސަރުކާރު ކޯލިޝަންގެ ތިން މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް އެ މައްސަލަ ހުށަހަޅައިފި އެވެ.

'ސަން'އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ، އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ ފަރާތުން އެފަދަ ޝަކުވާތައް ލިބެމުންދާތީ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަ ބެލުމަށްޓަކައި މާދަމާ 9:30 ގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ހުޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ޝާހިދެވެ.

ސަންއާ ވާހަކަފުޅު ދައްކަވަމުން ލަތީފް ވިދާޅުވީ، ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުގެ މުހިންމު ވައުދެއް ކަމަށާއި ބިދޭސީންނަށް ވަޒީފާ ދޭ ކަމުގައިވާނަމަ އެކަމުން ދިވެހި ޒުވާނުންނަށް ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އެކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަން ބަންދު އިބްރާހީމް ސަލީމްގެ އަތެއް ވާކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.