01 Dec 2014, 23:49
ކ. މާފުށީ ޖަލުގެ ގައިދީން ތަކެއް އެތަނުގެ ފަސް އޮފިސަރަކަށް ހަމަލާދީ ބޯ ފަޅާލުމުން އޭގެތެރެއިން ދެ އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ މާލެ ގެނެސްފި އެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، މިރޭ 10:00 ގައި ހިނގި އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ އޮފިސަރުން މާލެ ގެނެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، އަނެއް ތިން އޮފިސަރުންނަށް ވެސް މާފުށީގައި ފަރުވާ ދިނުމަށްފަހު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތަޒްމީލް ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހަތަރު އޮފިސަރުންގެ ބޯ ފަޅާލައި އެއް އޮފިސަރެއްގެ އަތް ދުޅަކޮށްލާފައި ވަނީ މިރޭ 10:00 ގައި މާފުށީ ޖަލުގެ ޔުނިޓު ތިނެއްގެ މާސްޓާ ނެގުމަށްޓަކައި (ގައިދީން ނިދުމުގެ ކުރިން ބޯ ގުނަން) އޮފިސަރުން އެތަނަށް ވަނުމުން ކަމަށެވެ.
ގައިދީން ނިދުމުގެ ކުރިން އެތަނުގެ މާސްޓާ ނެގުމަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ޔުނިޓު ތިނަކަށް ވަނުމުން އެތަނުގައި ތިބި ގައިދީން އޭނާގެ މަސައްކަތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމުން އިތުރު އޮފިސަރުންތަކެއް އެތެރެއަށް ވަދެފައިވާ ކަމަށް ތަޒުމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިތުރު އޮފިސަރުން ޔުނިޓު ތިނަކަށް ވަނުމުން އެމީހުންނާ މެދު މާރާމާރީ ހިންގައި ހަތަރު އޮފިސަރެއްގެ ބޯ ފަޅާލީ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް ގައިދީއަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ޖަލުގެ ހާލަތު މިހާރު ރަނގަޅު ކަމަށް ވެސް ތަޒުމީލް ވިދާޅުވި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.