01 Dec 2014, 23:16
ލ. ގަން ރީޖިނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރަކު އެރަށުގައި ބިދޭސީންތަކެއް ދިރިއުޅޭ ތަނަކަށް ވަދެ ތިން މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ލ. ގަމު ރީޖިނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މިރޭ 10:00 އެހައިކަންހާއިރު ބިދޭސީންތަކަކަށް ތޫނުއެއްޗަކުން ހަމަލާދިނީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މިސްރުގެ ޑޮކްޓަރެއް ކަމަށެވެ. އަދި ޒަޚަމްވި ތިން މީހުންނަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވީ ކޮން ގައުމަކަށް ނިސްބަތްވާ ބިދޭސީންތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލ. ގަމުގައި ބިދޭސީންތަކަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ކުށުގެ ވެށިން ތޫނު ހަތިޔާރެއް ކަމަށް ބެލެވޭ އެއްޗަކާ އެކު މިސްރުގެ ރައްޔިތަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.