ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި އެ ބިލަށް ބަހުސްކޮށް ނިންމަންޖެހޭގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލުގެނެސްފި އެވެ.

މަޖިލީހުގެ ގަވާއިދަށް އެ ބަދަލު ގެނައުމަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 52 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މިހާތަނަށް އަމަލު ކުރަމުންއައީ މަޖިލީހަށް ބިލެއް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލަކަށް ބަހުސްކޮށް ނިންމަންޖެހޭގޮތަށެވެ.

މަޖިލީހުގެ ގަވާއިދު އެގޮތަށް އިސްލާހު ކުރުމަށް އާންމު ކޮމެޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ. ކޮމެޓީން ގަވާއިދު އެގޮތަށް އިސްލާހު ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައި ވަނީ މިއަދު އެވެ.

މިއަދުގެ ޖަލްސާގައި 15 މެމްބަރަކު ވަނީ މަޖިލީހުގެ ގަވާއިދަށް ބަދަލުގެނެސް އާންމު ކޮމެޓީން ނިންމި ރިޕޯޓަށް ބަހުސް ކުރައްވާފައެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރުން ވިދާޅުވީ، ބިލްތަކަށް ބަހުސްކޮށް ނިންމަންޖެހޭ މުއްދަތު އަވަސްކުރުމަކީ މަޖިލީހުގެ މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދިޔުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އާންމު ކޮމިޓީގެ މުގައްރިރު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ގަވާއިދަށް އެގޮތަށް ބަދަލުގެނައުމުން އޭގެ އެންމެ ފުރިހަމަ ފައިދާ ދިވެހި ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތައް އަވަސް މިނެއްގައި ކުރެވޭނެ ކަމަށް އާރިފް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، ބިލް ތަކަށް ބަހުސް ކުރަންޖެހޭ މުއްދަތު ތިން ދުވަހަށް ބަދަލުކޮށްފިނަމަ، ބިލްތަކަށް ބަހުސްކުރުމަށް މެމްބަރުންނަށް އެކަށީގެންވާ ވަގުތު ލިބިގެންނުދާނެ ކަމަށެވެ. އެހެންކަމުން އެއީ ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވި އެވެ.