01 Dec 2014, 22:39
ރާއްޖޭގެ ދެވަނަ ޑިވިޝަންގެ ކެރަމް ކުޅުންތެރިއެއްކަމަށްވާ އިބްރާހިމް ލިފާއު އާމިރަށް، ކެރަމް އެސޯސިއޭޝަނުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭގޮތަށް އެއް އަހަރު ދުވަހަށް ސަސްޕެންޑު ކޮށްފި އެވެ.
'ސަން' އަށް މައުލޫމާތު ލިބިފައި ވާގޮތުގައި އޭނާ ސަސްޕެންޑްކުރީ މިފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި އަންޕަޔަރެއްގެ މަގާމް އަދާކުރި އިރު، ވޯލްޑް ކަޕްގެ އަންޕަޔަރުން ސޮއިކުރި ކޯޑް އޮފް ކޮންޑަކްޓްސްއާ އޭނާ ހިލާފު ވުމުންނެވެ.
ކެރަމް އެސޯސިއޭޝަނުން މި ނިންމުން ނިންމައި އޭނާއަށް ފޮނުވި ލިޔުމުގައި މިފަހަރުގެ ކެރަމް ވޯލްޑް ކަޕް ބޭއްވި ސަން އައިލެންޑްގެ ޖެޓީ މަތީ އޭނާ ކެރަމް އެސޯސިއޭޝަންގެ ސެކްރެޓެރީ ޖެނެރަލްއާ ހަޑި ހުތުރު ބަހުން މުހާތަބު ކޮށްފައި ވާކަމަށް ބުނެފައި ވެއެވެ.
ލިފާއުގެ މައްސަލަ ބަލަމުން ދާކަމަށް ބުނެ މިފަހަރުގެ ގައުމީ ކެރަމް މުބާރާތުގައި އޭނާއަށް ބައިވެރި ނުވެވޭ ގޮތަށް އެ އެސޯސިއޭޝަނުން ކަނޑައެޅުމުން، އެކަމާ ހިތްހަމަ ނުޖެހިގެން ސީނިއާ ގިނަ ކުޅުންތެރީންތަކެއް ވަނީ ގައުމީ މުބާރާތް ބޮއިކޮޓްވެސް ކޮށްފައެވެ.
މިކަމާ ބެހޭގޮތުން ކެރަމް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުބީން 'ސަން' އަށް ވިދާޅުވީ، ލިފާއު އަކީ މީގެ ކުރިންވެސް ޑިސިޕްލިނަރީ މައްސަލަތަކެއް ޖެހިފައިވާ ކުޅުންތެރިއެއް ކަމަށާއި، އޭނާއާ މެދު ޑިސިޕްލިނަރީ ކޮމިޓީމް މި ފަޔަވަޅު އަޅާފައި ވަނީ މައްސަލަ ރަނގަޅަށް ބެލުމަށްފަހުގައި ކަމަށެވެ.
"ލިފާއު ސަސްޕެންޑް ކޮށްފައި ވަނީ މި އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީން އޭނާގެ މައްސަލަ ރަނގަޅަށް ބެލުމަށް ފަހު. މިފަހަރުގެ ގައުމީ މުބާރާތުގައި އޭނާއަށް ބައިވެރި ނުވެވޭ ގޮތަށް ހަމަޖެއްސީ އޭރު ޑިސިޕްލިނަރީ ކޮމިޓީން އޭނާގެ މައްސަލަ ބަލަމުން ދިޔުމުގެ ސަބަބުން. މިކަމާ ގުޅިގެން ގައުމީ މުބާރާތް ބޮއިކޮޓް ކުރި ކުޅުންތެރިންގެތެރޭ މިދިޔަ އަހަރުވެސް މި މުބާރާތުގައި ބައިވެރި ނުވާން ތިބި ކުޅުންތެރިން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، މި މައްސަލަ އެޕީލްސް ކޮމިޓީއަށް ހުށައެޅުމުގެ ކުރިން މީޑިއާ އާ ހަމައަށް މި ވާހަކަ ގެންދިޔުމަކީ މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އަދި މި މައްސަލައިގައި ޑިސިޕްލިނަރީ ކޮމިޓީގެ އަޑުއެހުމަށް އޭނާ ހާޒިރުވެފައި ނުވާކަމަށާއި، ޑިސިޕްލިންރީ ކޮމިޓީގެ ނިންމުމާ މެދު ސުވާލު އުފައްދައި އެޕީލްސް ކޮމިޓީއަށް މި މައްސަލަ ހުށައެޅުމުގެ ފުރުސަތު އޭނާއަށް އަދިވެސް އެބަ އޮތް ކަމަށް މުބީމް ވިދާޅުވިއެވެ.
މިކަމާ ގުޅޭ ގޮތުން 'ސަން' އަށް މައުލޫމާތު ދެމުން ލިފާއު ބުނީ، މި މައްސަލައިގައި އެސޯސިއޭޝަނުން ކަންތައް ކޮށްފައި ވަނީ ވަރަށް ނާއިންސާފު ގޮތަކަށް ކަމަށާއި، މި ނިންމުން އޭނާ ބަލައެއް ނުގަންނާނެ ކަމަށެވެ.
"ޑިސިޕްލިނަރީ ކޮމިޓީން ބަޔާނެއް ނެގުމަށް އަޅުގަނޑު ހާޒިރު ކުރީމަ އަޅުގަނޑު އެތަނަށް ދިޔައިން. އެ ކޮމިޓީގައި މި މައްސަލަ ބަލަން އެންމެ އިސްކޮށް އިންނެވީ ކެރަމް އެސޯސިއޭޝަންގެ ސެކްރެޓެރީ ޖެނެރަލް. އެވަގުތު އަޅުގަނޑު ބުނިން މި މައްސަލައަކީ އަޅުގަނޑާ އޭނާއާ ދޭތެރޭ ޖެހިފައިވާ މައްސަލައަކަށް ވުމުން އޭނާ މައްސަލަ ބަލަން އިނުމަކީ އިންސާފްވެރި ގޮތެއް ނޫނޭ. އަދި ޑިސިޕްލިނަރީ ކޮމިޓީއަށް ހާޒިރުކޮށް ބަޔާނެއް ނަގާވަރުގެ ކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް އަޅުގަނޑު ބުނިން،" ލިފާއު ބުންޏެވެ.
އޭނާ ބުނީ މީގެ އިތުރުން ކެރަމް އެސޯސިއޭޝަނުން އޭނާ ސަސްޕެންޑް ކޮށްފައި ވާކަމަށް ބުނެ ދިން ލިޔުމުގައި ވަނީ އޭނާ އެއް އަހަރަށް ސަސްޕެންޑް ކޮށްފައި ވަނީ އަންޕަޔަރުންގެ ކޯޑް އޮފް ކޮންޑަކްޓްސްގެ 5.1 ވަނަ މާއްދާގެ ދަށުން ނުބައިކޮށް ކަމަށެވެ.
ކޯޑް އޮފް ކޮންޑަކްޓްސްގެ 5.1 ވަނަ މާއްދާގައި ކުޅުންތެރިޔަކު އެ ކޯޑާ ހިލާފު ވެއްޖެ ހާލަތެއްގައި ޖޫރިމާނާ ކުރުމުގެ އިހުތިޔާރު ކެރަމް އެސޯސިއެޝަނަށް ދީފައި ވާއިރު، ލިފާއު ވަނީ މި މާއްދާގެ ދަށުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.
"މި މައްސަލައިގައި އަޅުގަނޑު ސަސްޕެންޑުކޮށް އެސޯސިއޭޝަނުން ފޮނުވި ލިޔުމުގައި ވަނީ ކޯޑުގެ 5.1 ވަނަ މާއްދަގެ ދަށުން އަޅުގަނޑު ސަސްޕެންޑް ކުރިކަމަށް. މި މާއްދާގެ ދަށުން ކުޅުންތެރިއަކަށް ދެވޭނެ ހަމައެކަނި އަދަބަކީ ޖޫރިމަނާ ކުރުން. ހަމަ މިފަދަ އެހެން މައްސަލައެއްގައި އެހެން ކުޅުންތެރިއަކަށް ލިބިފައިވާ ހަމައެކަނި އަދަބަކީ އެންމެ 500 ރުފިޔާއިން ޖޫރިމަނާކުރުން،" އޭނާ ބުންޏެވެ.
ލިފާއު ބުނީ މިކަމާ ގުޅޭ ގޮތުން އޭނާ އެސޯސިއޭޝަނާ ސުވާލުކޮށް، ކަން ހިނގާފައި ވާގޮތް އޮޅުންފިލުވުމަށް ސިޓީއެއް ފޮނުވާފައި ވާކަމަށެވެ. މިކާމާ ގުޅޭގޮތުން ކެރަމް އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ، އެ އެސޯސިއޭޝަނުން ލިފާއުއަށް ދިން ލިޔުމުގައި ވަނީ ޓައިޕިންގް ކުށެއް ކަމަށާއި، އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ކޯޑް އޮފް ކޮންޑަކްޓްސްގެ 5 ވަނަ މާއްދަގެ ދަށުންކަމަށެވެ.