01 Dec 2014, 22:09
މަގުމަތިން ހިނގާފައިދިޔަ މީހެއްގެ އަތްދަބަސް ފޭރުނު ދެ މީހަކު ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ހއ. ހޯރަފުށީ ހުސްނުހީނާގޭ އަހްމަދު އަޝްރަފު އާއި ހ. ހެޕީވިލާ އިބްރާހީމް ރިޔާޒުގެ މައްޗަށް އިއްޔެ އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަޖީދީމަގުން ހިނގާފައި ދިޔަ އަންހެނެއްގެ އަތްދަބަސް ފޭރިގެންފައިވާތީ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ސ. ފޭދޫ އަންހެނަކު އޮލިމްޕަސް ކައިރިން ހިނގާފައި ދަނިކޮށް އެ ދެ މީހުން ސައިކަލްގައި ދަމުން އެ އަންހެން މީހާގެ އަތްދަބަސް ފޭރިގެންފައިވާ ކަމަށް ރިޔާޒުގެ އިއުތިރާފުން އެނގެން އޮންނަ ކަމަށެވެ.
ސައިކަލްގެ ފަހަތުގައި އިންއިރު ރިޔާޒު އަތްދަބަސް ފޭރިގަތްކަން ނޭނގޭ ކަމަށް ބުނެ އަޝްރަފު ދައުވާއަށް އިންކާރު ކުރިނަމަވެސް ފޭރުމުގައި އޭނާ ބައިވެރިވެފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
މިއީ އެ ދެ މީހުންގެ މައްޗަށް ފޭރުމުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައި ވެސް އެ ހުކުމްގައި ވެއެވެ.